އެހެން ގިނަ ގައުމުތަކުގައި ރެސިޑެންޓް ވިސާ ދެނީ އެ ގައުމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރު ކުރާ ފަރާތްތަކަށް ކަމަށް ކުރީގެ ރައްޔިތުން މަޖިލީހުގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާލުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

މޫސަ ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގަ ރެސިޑެންސް ވިސާ ދެނީ އެތައް އަހަރެއް ވަންދެން އެ ގައުމުތަކުގައި ވިޔަފާރިކުރާ ބިދޭސީންނަށް ނުވަތަ އެ ގައުމަކަށް ބޭނުންވާ އިލްމާއި ހުނަރު ހުރެގެން ގަވާއިދުން އެތައް އަހަރަކު ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. މީގެ އިތުރުން ބޮޑެތި އިންވެސްޓްތައް ކޮށްގެން ވިޔަފާރިތައް ދާއިމީކޮށް ކުރާ މީހުނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ކޮމިޓީ އަށް ރައީސް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

އެ އިސްލާހާ ގުޅިގެން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ވިދާޅުވީ، ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަން ފަށާފާނެ ކަމަށާއި ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

އިމިގްރޭޝަންގެ އެ އިސްލާހާ ދެކޮޅަށް ގިން މެންބަރުން ވާހަކަދައްކަވާފައި ވާއިރު، ކޮމިޓީން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީ އަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަނިއެވެ.