ކ. ހުރާ ކައިރިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ކަނޑުވި 9 މީހުން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، 9 މީހުންނާއެކު މާލެއާ 17 ނޯތް މޭލް ބޭރުން ކ. ހުރާ ބޮއި ކައިރީ މަސްވެރިކަން އުޅުނު "ކަނޑު ރޯދި-1" ނަމަކަށް ކިޔާ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ދޯނި އަދިއަށް ގޮސްފައިވަނީ ކަނޑު ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

އެ ދޯނި އަޑިއަށް ގޮސް އޭގައި ތިބި ފަޅުވެރިން ކަނޑުވެފައި ތިއްބާ އެ ސރަހައްދުން ދަތުރު ކުރި އެހެން ދޯންޏަކުން އެމީހުން ވަނީ ނަގާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ ސަރަހައްދަށް ކޯސްޓް ގާޑްގެ ލޯންޗް ގޮސްފައިވާ ކަމަށާއި އެ ދޯނި މިހާރު ފަޅުވެރިންނާއެކު މާލެއަށް ދަތުރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށާއި އެ ގޮތުން ފަތިހު 4 އިން ހެނދުނު 10 އަކާ ދެމެދު ހއ. އަތޮޅުން ދ. އަތޮޅާ ދެމެދު އަދި ލ. އަތޮޅުން އައްޑޫ އަތޮޅާ ދެމެދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އެ ސަރަހައްދު ތަކުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި ރާޅުގެ އިސްމިން 2 ފޫޓާއި 5 ފޫޓަށް އުފުލޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.