ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)އިން ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފިއެވެ.
އެސްޓީއޯއިން ބުނީ އެސްޓީއޯ ރިކްރިއޭޝަން ކްލަބު (ސްޓޯކް) އިން އިސްނަގައިގެން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކުރުމުގެ ގޮތުން މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތުގައި އެ ކުންފުނީގެ 80 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ.
ސްޓޯކުން ބުނީ އެ ކޭމްޕް ކުރިޔަށް ގެންގޮސްފައި ވަނީ ބްލަޑް ބޭންކަށް ލޭ ގިނަ އަދަދަކަށް ބޭނުން ވެފައިވާ ދުވަސްވަރަކަށް ވުމުން ކަމަށާއި އެއީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށެވެ.
ލޭ ހަދިޔާ ކުރުމުގެ އެ ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ ތެލެސީމިއާ ސެންޓަރުގައި ކަމަށާއި އެ ހަރަކާތަކީ ތެލެސީމިއާ ސެންޓަރާއި އެސްޓީއޯ ރިކްރިއޭޝަން ކްލަބާއި ގުޅިގެން ބޭއްވުނު އެއްދުވަހުގެ ކޭމްޕެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ ކޭމްޕަތައް އިންތިޒާމު ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ކޮވިޑް-19އާ ގުޅުގެން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައި ވާތީ ގިނަ ފަރާތްތަކުން ވަނީ މީގެ ކުރިންވެސް ލޭ ހަދިޔާ ކޮށްފައެވެ.
އާންމުކޮށް ލޭ އަޅަން ޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތެލެސީމިއާ މީހުންނާއި ކުދިންނެވެ. މީގެ ތެރެއިން ބައެއް ކުދިންނަކީ މަހެއްގެ މައްޗަށް ތިނެއް ނުވަތަ ހަތަރު ފަހަރު ލޭ އަޅަންޖެހޭ ކުދިންނެވެ. އެ ކުދިންނަށް ލޭ ބޭނުންވާ މި ދަނޑިވަޅުގައި ލޭ ލިބުމުގެ ދަތިކަމެއް އުޅޭތީ މޯލްޑިވްސް ބްލަޑް ސާވިސުން ވަނީ ސިއްހީ ހާލު ރަނގަޅަށް ހުންނަ ފަރާތްތައް ލޭ ހަދިޔާ ކުރުމަށް އެދިފައެވެ.
ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައި ވާތީ ތެލެސީމިއާ ސެންޓަރުން އިސް ނަގައިގެން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނުތަކެއް ވެސް ކުރިއަށް ގެންދަމުންނެވެ. އަދި ބަލްޑް ސާވިސް އިން ވެސް އަންނަނީ ތަފާތު އެކި ކޭމްޕްތައް ބާއްވަމުންނެވެ.