ގޭ ތެރޭގައި ނުވަތަ އެނޫންވެސް ތަންތަނުގައި ހަދާ މަސްފެންގަނޑު ފަދަ ތަންތަން ހެދުމުގައި ސަމާލުވުމަށް ރާއްޖޭގެ ޑޮކްޓަރުން ގޮވާލައިފިއެވެ.

އެފަދައިން ޑޮކްޓަރުން ވާހަކަ ދައްކަވާފައި ވަނީ އިއްޔެ ހަވީރު ލ.ގަމުގައި މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވި ކުއްޖާގެ ހަބަރާއެކުއެވެ.

އެގޮތުން ޑރ. އަހަމަދު ފައިސަލް ވިދާޅުވީ މިއަދު އަނެއްކާވެސް ލިބުނީ ހިތާމަވެރި ހަބަރެއް މިކަމަށާއި އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ހުރިހާ އެންމެން ކޮށްދޭންވީ ކަމަކީ ގޭތެރޭގައި ނުވަތަ އެފަދަ އެހެން ތަނެއްގައި ނަމަވެސް ކުޑަކުއްޖަކު ވެއްޓޭ ގޮތަށް މަސްފެންގަނޑެއް ހަދާފައި ވާނަމަ އެއަށް ކުޑަކުދިން ނުވެއްޓޭނެ ގޮތަކަށް ފާރެއް ނަމަވެސް ރައްކާތެެރި ކަމެއް ހަދާލަ ދިނުމަށް އެދޭ ކަމަށެވެ. ނުވަތަ އެފަދަ ތަންތަން ނައްތާލަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން ޑރ މުހައްމަދު އަލީ ވިިދާޅުވީ އެފަދަ ތަންތަން ހެދުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި އެކަމަށް އެންމެންގެ އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.

އިއްޔެ މެސްފެންގަނޑަކަށް ވެއްޓިފައި ވަނީ އުމުރުން 14 މަހުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ އަވައްޓެރި ގެއެއްގެ ގޯތި ތެރޭގައި ހަދާފައިވާ މަސްފެންގަނޑަކަށް ކަމަށާ، އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވާއިރު އަދިވެސް ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ އެފަދަ ހާދިސާއެއް ހިނގާފައި ވާއިރު، އެއީ ގަމުގައި އެފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ގަމުގައި އުމުރުން ދެ އަހަރުގެ ކުއްޖަކުވެސް ވަނީ މަސްފެންގަނޑަކަށް ވެއްޓި ހޭނެތިފައެވެ. ގިނަ ދުވަސްތަކެއް ވަންދެން އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބޭއްވުމަށް ފަހު އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ފަރުވާއަށް އެ ކުއްޖާ އިންޑިއާއަށް ގެންދިޔައެވެ.

މީގެ އިތުރުން މި އަހަރުގެ މޭ މަހުގެ އެއް ވަނަ ދުވަހު ގއ. ކަނޑުހުޅުދޫގައި ވަނީ ވަޅަކަށް ވެއްޓި ހަތަރު އަހަރުގެ ކުއްޖަކުވެސް މަރުވެފައެވެ.