ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުކުރިޔަސް ދެ ގައުމުގެ ގުޅުމަށް އަސަރެއް ނުކުރާނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލޮޖޮން މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާ-މޯލްޑިވްސް ޖޮއިންޓް މެކޭނިޒަމް އޮން ކޮވިޑް-19 ރެސްޕޯންސްގެ ނަމުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓްތަކެއްގައި ޗައިނާ ސަފީރު ވިދާޅުވީ ކޮވިޑް-19 އަށް ފަހު އިގްތިސާދު އަލުން ހިންގަން ފެށުމާއި ޓޫރިޒަމް އަދި ވިޔަފާރީގެ ހަރަކާތްތައް އަވަހަށް ފެށޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައި ކަމަށެވެ.

ޗައިނާ ސަފީރު ވިދާޅުވީ އެ ގައުމުން ގަބޫލުކުރަނީ ބައެއް ފަރާތްތަކުން ޒިންމާދާރުކަން ނެތް ފާޑުކިޔުންތައް އަމާޒުކުރިއެއް ކަމަކު ޗައިނާ އާއި ރާއްޖޭގެ ގުޅުން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަމާލުކަން ނުގެއްލޭނެ ކަމަށާއި ދެ ގައުމުގެ ގުޅުން އަދިވެސް ދާނީ އިތުރަށް ވަރުގަދަވަމުން ކަމަށެވެ.

ޗައިނާގެ ފަރާތުން އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޔައޮ ވެން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމާ ބެހޭ ގޮތުން ތަފްސީލް ދެއްވާފައިވަމުން ސަފީރު ވިދާޅުވީ އެ ބައްދަލުވުމުގައި މައިގަނޑު ތިން ކަމަކަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ގުޅިގެން ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މި ބައްޔާ ދެކޮޅަށް ދެ ގައުމުން އެކުގައި އިތުރު މަސައްކަތްތައް ކުރުމަށާއި އިގްތިސާދު އަލުން ހިންގަން ފެށުމުގެ ގޮތުން ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުތައް އަލުން ފެށުން އަވަސް ކުރުމަށެވެ.

އެ ބައްދަލުވުމުގައި ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން، ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.