ސަފާރީ ކޭސް ތަހުގީގު ކުރުމުގައި އެއްވެސް ސިޔާސީ މީހެއްގެ ނުފޫޒެއް ނުހިނގާ ކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 27 އަހަރުގެ ކެންޔާ އަންހެނަކަށް ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުށަހެޅި މައްސަލައާ ގުޅުގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް މިއަދު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލާފައި ވަނީ އެއްވެސް ސިޔާސީ ނުވަތަ އެހެންވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ.
ސަބަބަކީ އެ މައްސަލަ ބެލުމާ ހަވާލުވެ ހުރި ފަރާތަކީ ތަޖުރިބާ ހުރި ފަރާތެއް ކަމަށާއި އެފަދަ ކަންކަމުގެ ތަމްރީނުވެސް ލިބިފައިވާ ފަރާތަކަށް ވާތީ ކަމަށެވެ.
"ތިބޭފުޅުންނަށް ވަރަށް އިތުބާރާ އެކީގަ ދަންނަވާލަން ކެރޭނެ، އެ ޑިޒިޝަން ނަގަން އޭރު ހަވާލުވެ ހުންނެވި ފަރާތުން އެ ބޭފުޅެއްގެ ތަޖުރިބާ އާއި އެބޭފުޅަކަށް ލިބިފަ ހުރި ތަމްރީނާއި މިކަހަލަ މައްސަލަ ތަކުގަ އަމަލު ކުރާ ގޮތައް ބައްލަވާފަ، އެއްވެސް ކަހަލަ ނުފޫޒެއް ނެތި ނެންގެވި ޑިޒިޝަނެއް ކަމަށް މިއީ، އެކަން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭ" މަންނާނު
މީގެ އިތުރުން މަންނާނު ވިދާޅުވީ ހައްޔަރުުކޮށް ދޫކޮށްލި ދެމީހުން ފިޔަވައި އިތުރު މީހަކަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ. އަދި މިހާރު މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މަންނާނު ވިދާޅުވިއެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި 11 މީހެއްގެ ބަޔާން ނަގައި، ގޯނާލިބުނު އަންހެން މީހާގެ ފޯނު ސަފާރީ އޮތް ސަރަހައްދު މޫދުން ހޯދާފައިވާ ކަމަށެވެ. އަދި އަންހެނަކު ސަލާމަތަށް މޫދަށް ފުންމާލާނީ ބޮޑު ސަބަބެއް އޮވެގެން ކަމަށް ފުލުހުންނަށް ވެސް ގަބޫލު ކުރެވޭ ކަމަށާއި އަންހެން މީހާއަށް ޖިންސީ ގޯނާގެ އިތުރަށް އެއަށް ވުރެ ބޮޑު ކަމެއް އެތަނުގައި އޭނާއާ މެދު ހިންގި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.
ކައޭ މެން ބުނާނެ ތިހެން