ސަފާރީ ކޭސްގައި ބިދޭސީ އަންހެންމީހާ ދަންވަރު މޫދަށް ފުންމްލާނީ ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައި ވުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލި ވުމެއްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އަންހެނަކު ދަންވަރު މޫދަށް ފުންމާލާނީ ބޮޑުކަމެއް ވެގެން ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށާއި، ތަހުގީގު ކުރިއަށް ގެންދަނީ އެކަމަށް ވިސްނައިގެން ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ވިކްޓިމްގެ ބަޔާނުގައި ބުނެފައި ވަނީ އެއީ ޖިންސީ ގޯމާގެ މައްސަލައެއް ކަމަށެވެ. އަދި ރިޕޯޓް ކޮށްފައިވެސް ވަނީ ޖިންސީ ގޯނާގެ މައްސަލަ އެއް ގޮތައް ކަމަށެވެ. އެ މައްސަލައިގައި ވިކްޓިމްގެ ބަސް ގަބޫލު ކުރާ ކަމަށާއި ވިކްޓިމް އާ ހަވާލާދީ، މެންދުރު އޮންލައިން ކިޔާ ވެބްސައިޓެއްގައި ޝާއިއު ކުރި ރިޕޯޓުގައި ވާ ވާހަކަތަކާއި ވިކްޓިމް ފުލުހުންނަށް ކިޔައިދީފައިވާ ވާހަކަތައް ވަރަށް ބޮޑަށް ތަފާތު ކަމަށް މަންނާނު ވަނީ ފާހަގަ ކުރައްވާފައެވެ.

"ވިކްޓިމްގެ ބަޔާނުގަ ބުނެދީފައި އޮންނަނީ، އޭނައަށް ޖިންސީ ގޯނާގެ އަމަލެއް ފުރަތަމަ ހިންގާފައި ދެވަނަ ފަހަރު ވެސް އޭނާއާ ދިމާލަށް އެފަދަ އަމަލެއް ހިންގަން ބަޔަކު އަންނާތީ އޭގެން ސަލާމަތްވުމަށް ފުންމާލީއޭ، އެތަނުގަ އަޅުގަނޑުމެން ބޭނުން ކުރާ ބަހަކީ ޖިންސީ ގޯނާ، އަޅުގަނޑުމެންގެ ނިޔަތަކީ ފަހަރެއްގައި އަޅުގަނޑުމެން ގަބޫލުކުރަމޭ އެއަށްވުރެ ބޮޑު ކަމެއް އެތާ ހިނގާފައި އޮވެދާނޭ. ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނޭ، އެހެންވީމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ އެކަން ތަހުގީގު ކުރުން. ތަހުގީގު ތެރެއިން އެކަން އިތުރަށް ބަލަމުން ގެންދާނަން" މަންނާނު

ފުލުހުން މެންދުރު އޮންލައިން ވެބްސައިޓުގެ ވާހަކަތައް ދޮގުކޮށްފައި ވާއިރު، އެމައްސަލައާ ގުޅިގެން އޮންލައިން ވެބްސައިޓުގައި ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާއާ ހަވާލާދީ ބުނެފައިވަނީ މިމައްސަލާގައި ތުހުމަތުވާ ދެމީހުންނަކީ ސަރުކާރާ ގުޅުންހުރި ދެމީހުން ކަމުގައެވެ. އަދި އަންހެން މީހާ ގެއަށް ފޮނުވާލާފައިވަނީ "ރޭޕް ކިޓު" ނުދީ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ހަދަންޖެހޭ ޓެސްޓުތައް ހަދާފައިނުވާ ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ އެވާހަކަތައްވެސް ދޮގު ކޮށްފައެވެ.

ހަމައެހެންމެ އެރިޕޯޓުގައި ތުހުމަތުކުރި ގޮތުގައި އަންހެން މީހާއަށް ގުޅައި އެމީހުންނާމެދު ފިޔަވަޅު ނޭޅޭނެ ކަމުގައާއި އޭނާގެ ވާހަކަ އާންމުން ގަބޫލުނުކުރާނެ ކަމަށް ބުނެ ބިރުދައްކާފައި ވެއެވެ. އަދި އެއާއެކު ހުށަހަޅާފައިވާ މައްސަލަ ނެގުމަށް ބައި ލައްކަ ޑޮލަރު ހުށަހެޅި ކަމަށްވެސް އަންހެންމީހާއާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ. ނަމަވެސް ފަހުން "މިހާރު" ނޫހަށް ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ އިތުރު އެހެން ނޫހަކަށް އިންޓަވިއު ދިން ކަމަށް ބުނާ ވާހަކަތައް ދޮގު ކުރާ ކަމަށެވެ. އެކަމާ ގުޅުގިން ފުލުހުން ބުނީ ދެ ނޫހުގައިވާ ވާހަކަތައް އަޅާ ނުކިޔާ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރުކުރީ 2 މީހުންނެވެ. އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެއީ އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅުވައިގެންނެވެ. ފުލުހުން ބުނީ އެކަމުގައި ޝާމިލްވާ މީހުންގެ ވަނަވަރު ހާމަ ނުކުރަނީ އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރަމުން ދާ އަލީ ވަހީދުގެ މައްސަލައިގައި އޭނާގެ ނަން ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވާއިރު ފުލުހުން މިއަދު ބުނެފައި ވަނީ އެ ކޭސް ތަހުގީގު ކުރުމުގައި އެއްވެސް ސިޔާސީ މީހެއްގެ ނުފޫޒެއް ނުހިނގާ ކަމަށެވެ.