ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި 15 މީހެއްގެ ބަޔާން ނަގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ ޖިންސީ ފުރައްސާރައިގެ މައްސަލާގައި 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ބައެއް ކަމާއި އަދި އެ 15 މީހުންނަކީ ވެސް ވިކްޓިމުން ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރެއެވެ.
އެ މައްސަލާގެ ތަހުގީގުގައި ޕްރޮސިކިއުޓާ ޖެނަރަލްއާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއިރު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ޖިންސީ ފުރައްސާރައިގެ މައްސަލާގައި އަލީ ވަހީދާ ސުވާލުކޮށްފައިނުވާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މިހާތަނަށް ތަހުގީގުގައި އާދެވިފައިވާ ހިސާބުން އެކަން ކުރުމަށް އަދި ނުފެންނާތީ ކަމަށެވެ.
އަލީ ވަހީދުގެ ބަޔާން ނަގާފައި ނުވާއިރު ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ބަޝީރު ވިދާޅުވީ ތަހުގީގަށް ހާޒިރު ކުރަން ޖެހިއްޖެ ވަގުތެއްގައި އެކަން ކުރުމަށް ހުރަސް އެޅިދާނެތީ ކަމަށާއި މައްސަލާގައި ހެކި ހޯދަމުންދާކަމަށެވެ. އަލީ ވަހީދުގެ ގެ ބަލާ ފާސްކުރުމަށްފަހު އޭނާގެ ފޯނާއި ލެޕްޓޮޕް ގެންގޮސްފައިވާ ނަމަވެސް ހެކިތަކާ ގުޅޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލާގެ ތަހުގީގު އަދި އޮތީ ވަރަށް ކުރީ މަރުހަލާއެއްގައި ކަމުން ގިނަ މައުލޫމާތުތައް ހާމަކުރަން އުނދަގޫ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައި ވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ. އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ސޯލިހް އެންގެވި ނަމަވެސް އޭނާ ރަސްމީ ސިފައެއްގައި އިސްތިއުފާ ދެއްވިކަމުގެ ސިޓީއެއް ރައީސް ސޯލިހަކަށް ނާރުވައެވެ. އޭނާ މަގާމުން ވަކިކުރީ ރަސްމީކޮށް އިސްތިއުފާ ނުދެއްވުމުންނެވެ. ހަމަ އެހެންމެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.