15 ވަނަ މީހަކު ރާއްޖެއިން ކޮވިޑްގައި މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްފައިވާ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ މިއަދު މެންދުރު 12:25 ހާއިރު ކަމަށް އެޗްޕީއޭން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2831 އަށް އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވެފައި ވަނީ 19 މީހެކެވެ. މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދު ވަނީ 2321 އަށް އަރާފައެވެ.