މަސްތުވާތަކެއްޗާ އެކު ރިސޯޓަކުން ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރިސޯޓަކުން މީހަކު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އއ. ރަސްދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ

އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގި އޮޕަރޭޝަންއެއްގައި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރު ކުރީ އެ ރިސޯޓުގެ ޖެޓީ މަތިން ކަމަށްވެސް ފުލުހުން ބުނެއެވެ.

އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑަ 15 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލހުން ބުނެއެވެ. މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ވަނީ ކޮން ރިސޯޓަކުން ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އަދި މިހާރު މި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.