އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން ރައްިތުން މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ތަޅުމުގައި އެކްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. އެބިލަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު އިސްލާހު ހުށަހެޅުއްވީ އެނާޖީ ޑްރިންކުން މިހާރު ނަގަމުން ދާ ޑިއުޓީ ބޮޑު ކުރާށެވެ.

ޔާސިރު ހުށަހެޅުއްވީ އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ 60 ރުފިޔާ 55 ލާރި އަށް ބޮޑު ކުރާށެވެ. އެ އިސްލާހަށް 58 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އަތޮޅުތަކުގެ ޕޯޓުތަކަށް ގެންދާ މުދަލުގެ ތެރެއިން ސިނގިރެޓް އަދި ރަލާއި އޫރުމަސް ފިޔަވާ އެހެން ހުރިހާ މުދަލަކުން ނަގާ ޑިއުޓީން 50 ޕަސެންޓް މާފުދޭން މިއަދު ވަނީ ފާސްކޮށްފައެވެ.

މިހާރު އެނާޖީ ޑްރިންކުން ޑިއުޓީގެ ގޮތުގައި ނަގަނީ ލިޓަރަކަށް 33 ރުފިޔާ 64 ލާރިއެވެ. އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރި ނަމަވެސް އަތޮޅުތަކުގެ ޕޯޓުތަކަށް ގެންދާ އެނާޖީ ޑްރިންކުން ނަގާނީ ހަމަ ކުރިން ނަގަމުން އައި އަދަދު ލިޓަރަކަށް 33 ރުފިޔާ 64 ލާރިއެވެ.

އިމްޕޯޓު އެކްސްޕޯޓު ބިލަށް މިއަދު ގެންނަން ފާސްކުރި އިސްލާހުގެ ތެރޭގައި މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރިއިރު އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ކުޑަ ކުރުމަށް ފާސްކުރުން ހިމެނެއެވެ. އެ ބިލުވެސް ފާސްކޮށްފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.

މިހާރު ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށް 200 ޕަސެންޓުގެ ޑިއުޓީއެއް ނެގުމުގެ އިތުރުން އަތޮޅުތެރޭގެ ބަނދަރުތަކުން އެތެރެކުރާ މުދަލަށް 30 ޕަސެންޓުގެ ލުއިދިން ވަނީ ދީފައެވެ. ނަމަވެސް، ދުންފަތާއި އެނާޖީ ޑްރިންކްސް ފަދަ ބައެއް ބާވަތްތަކަށް އެ ލުޔެއް ނުދެއެވެ.