ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަސް ދުވަސް ފަހުން މިއަދު ޖެއްސި ދެ ފްލައިޓުގައި ރާއްޖެއަށް 226 މީހުން އައިސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއް ކަމަށެވެ. ދެވަނަ އަށް ޖައްސާފައި ވަނީ ސްރީލަންކާގެ ފްލައިޓެއް ކަމަށެވެ.

ޖުމްލަ ދެ ފްލައިޓެއް ޖައްސާފައި ވާއިރު، ގަތަރް އެއާވޭސްގެ ފްލައިޓުން އައިސްފައި ވަނީ 127 މީހުންނެވެ. އަދިޮ ލަންކާގެ ފްލައިޓުން އައިސްފައި ވަނީ 99 މީހުންނެވެ. ގަތަރުގެ ފްލައިޓު މިއަދު އެއާޕޯޓުގައި ހެނދުނު 8:27 ހާއިރު ޖައްސާފައި ވާއިރު، އެ ފްލައިޓުން އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.

މިއަދު ހުޅުވާލި ބޯޑަރާއެކު ރާއްޖެ އައި ފުރަތަމަ ފްލައިޓްގެ ފަތުރުވެރިނަށް އެމްއޭސީއެލުން މަރުހަބާ ކިޔަނީ / ފޮޓޯ: އެމްއޭސީއެލް

މިއަދު ދެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވާއިރު، މާދަމާ އާއި އޭގެ އަނެއް ދުވަހަށް ޑޮމެސްޓިކް އެއާ ޕޯޓްތަކަށް ވަނީ ފްލައިޓްތަކެއް ޝެޑުއުލް ކޮށްފައެވެ. އެގޮތުން މާދަމާއަށް ހަތް ފްލައިޓެއް ހަމަޖައްސާފައި ވާއިރު 17 ވަނަ ދުވަހަށް ދެ ފްލައިޓެއް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

މިއަދު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައި ވާއިރު،ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އެއާޕޯޓުގެ ތައްޔާރީތައް ބައްލަވާލައްވާފައެވެ. އެގޮތުން ފަސިންޖަރުން ސްކްރީންކުރުމާއި ކޮވިޑަށް ޓެސްޓު ކުރަން ޖެހޭ ހާލަތުގައި ޓެސްޓުކުރުން ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އަދި ރައީސްގެ މި ޒިޔާރަތުގައި، އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ވެސް އޮޅުން ފިލުއްވާފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޒަރޫރީ ބޭނުމަށް ނުނީ އެއްވެސް ފްލައިޓެއް ބާއްވާފައެއް ނުވެއެވެ.