ބަންގަލަދޭޝް މީހުން މުރާހަރާ ކުރަން ފަށުމުން ފުލުހުން ނުކުމެ މުޒާހަރާ ރޫޅާލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީންތަކެއް މިއަދު އެއްވެފައި ވަނީ ބަންގްލްދޭޝް ހައި ކޮމިޝަން ކައިރިަށެވެ. އެތަނަށް އެއްވުމުން ފުރަތަމަ ފަހަރަށް ފުލުހުން ފޮނުވާލުމުން އަނެއްކާ ވަނީ ހީނާމާގެ ކައިރިއަށް އެއްވެފައެވެ.

ހީނާމާގެ ކައިރީގައި ތިބި ބައެއް ބިދޭސީން ބުނީ އެމީހުން އެއްވެގެން އުޅެނީ ރަށަށް ދާން ބޭނުންވާތީ އެކަމަށް މަގެއް ހޯދަން ކަމަށެވެ. ނަމަވެސް އެމްބަސީ ކައިރިއަށް އެއްވީމައި، އެތަނުން ފޮނުވާލީ ކަމަށް އެމީހުން ބުންޏެވެ.

އިއްޔެވެސް ވަނީ ބިދޭސީންތަކެއް އެ ސަރަހައްދަށް އެއްވެފައެވެ.

ބިދޭސީންތަކެއް ހީނާމަގެ ކައިރީ / ފޮޓޯ: ދަ ޕްރެސް

މިއަދު ބިދޭސީންތަކެއް މާލޭގެ ސަރަހައްދަކަށް އެއްވެފައި ވާއިރު، މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ސިފައިންނާާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ތަކެއްވެސް ވަނީ މުޒާހަރާ ކޮށްފައެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައި ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެގެންނެވެ. މި މުޒާހަރާގައި ބިދޭސީން ވަނީ ފުލުހުންނާ ކުރިމަތިލާފައެވެ. އެގޮތުން، ބިދޭސީން ވަނީ ފުލުހުންނާ ދިމާލަށް އޮތްގާ އުކާ ހަމަލާދީފައެވެ. މި މުޒާހަރާގައި ހިތްހަމަނުޖެހުން ހިނގައި ބައެއް ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަށްވަނީ ގެއްލުން ވެފައެވެ. އަދި އާންމުންގެ ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ.

ބިދޭސީންތަކެއް ހީނާމާގެ ކައިރީ އެއްވެގެން/ ފޮޓޯ: ދަ ޕްރެސް

މީގެ އިތުރުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައިވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެހާ ލާރި ވެސް އެމީހުން އަތުގައި ނެތެވެ.

މީގެ އިތުރުން ވެސް ދާދި ފަހުން ވަނީ ބ އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ބިދޭސީންގެ މުޒާހަރާއެއް ހިނގާ ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާފައެވެ. އެގޮތުން، ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ އެތަނުގަިއ މަސައްކަތް ކުރާ ދިވެހިން ރަހީނުކޮށް، ފުލުހުން އެރަށަށް އަރަން އުޅުމުން އެކަން ހުއްޓުވުމަށް ފުލުހުންގެ ލޯންޗަށް އެކި ތަކެތި އުކާ ހަމަލާދީފައެވެ.

އެ ހަމަނުޖެހުމުގައި ފުލުހުންތަކަކަށް އަނިޔާވެފައިވާއިރު، އެ ރަށުގައި ހުރި އެކި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ.