ރޭޕްކުރުމުން އެކަމަށް އިންސާފު ހޯދަން ގޮސް ޓަކި ޖަހާނެ ދޮރެއް ނެތް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރޭޕް މައްސަލަގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ފެނިގެން ގޮސްފައިވާ ކަމަށާއި އެމައްސަލައިގައި ސަރުކާރުގެ ނުފޫޒު އޮތް މިނަވަރު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަަމަށެވެ. އެ ގޮތުން ރޭޕްގެ މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތް އިންސާފް ހޯދަން ދާނެ އަދި ވަންނާނެ އެއްވެސް ދޮރެއް ނެތް ކަމަށާއި ޓަކި ޖަހާލާނެ ދޮރެއް ނުލިބިގެން އުޅޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާލިުވީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ވަރަށް ވާހަކަ ދެއްކެވިކަމަށެވެ. ނަމަވެސް މިހާރު އެ ވާހަކަތައް ގެއްލިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. މިވާހަކަތަކަކީ ހަމައެކަނީ އިދިކޮޅުން ދައްކާ ވާހަަކައެއް ނޫން ކަމަށާއި ހިއުމަން ރައިޓްސް ވޮޗުންވެސް މި ސަރުކާރުގެ އަމަލުތައް ހުރީ އިންސާނިއްޔަތު ކަމާ ހިލާފަށް ކަމަށް ބުނެފައިވާ ކަަމަށް ވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ދާދި ފަހުން ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ދިވެހި ދެ ފިރިހެނުން ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓު ކޮށްފައިވާ އިރު މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މި ސަރުކާރަށް އަމާޒު ވެފައެވެ. ނަމަވެސް މި މައްސަަލައިގައި ތުހުމަތު ކުރެވޭ ދެމީހުން ވަނީ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައެވެ. މި މައްސަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށް ބުނެއެވެ.