ރާއްޖޭގެ ބޯޑަރު ހުޅުވާލައި ޓޫރިޒަމް ސިނާއަތު ފައްޓާއިރު އެ ސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ސިއްހީ ސަލާމަތާއި ރައްކާތެރިކަމާއި އިގްތިސޯދީ ރައްކާތެރިކަމަށް ވުރެ މުހިންމު އެހެންކަމެއް ސަރުކާރުން އިސްނުކުރުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފިއެވެ.

ޓީމުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައިވާ ޓޫރިޒަމް ސިނާއަތް އަލުން ހުޅުވުމުގައި އެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ސާފުތާހިރުކަމާއި ސިއްހީގޮތުން ގެންގުޅެންޖޭހޭނެ ކަމަށް އެ ޖަމިއްޔާއާއި އަދި އެ ޖަމިއްޔާ ބައިވެރިވެފައިވާ ބައިލްއަޣުވާމީ އެހެންޖަމުއްޔާތަކާ ގުޅިގެން ޓޫރިސްޓް ރިސޯޓް އަދި ހޮޓާތަކުގައި ކޮންމެހެން ވެސް ހުންނަންޖެހޭނެ މިންގަޑުތަކެއް ނުވަތަ ގައިޑްލައިނެއް އެކުލަވާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުގެ ފަރާތުން ނިންމާފައިވާއިރު ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ވަނީ ނުހަނު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ އެތައް ބައެއްގެ ވަޒީފާގެއްލި، އާމްދަނީ ހުއްޓި، ނިކަމެތިކަމާއި ހާސްކަމާއި ކުރިމަތި ލާންޖެހިފައި ކަމަށް ޓީމުން ބުނެއެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން އެންމެބޮޑު ބިރުވެރިކަމަކާއެކު މަސައްކަތްކުރި އަދި އުނދަގުލެއް ތަހައްމަލު ކުރި އެއްބަޔަކީ ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިން ކަމަށް ޓީމުން ބުނެއެވެ.

ޓޫރިޒަމްގެ ސިނާއަތް އަލުން ފެއްޓުމަށްޓަކައި އުސޫލުތަކާއި ގައިޑްލައިންތައް އެކުލަވާ ލެވުނީ ސީދާ މިސިނާއަތުގެ މަސައްކަތްތެރިންގެ ބަހެއް، ފުރިހަމައަށް ހޯދުމަކާއި ނުލައި ކަމަށް ޓީމުން ބުނެއެވެ. މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އިހުމާލުވެފައިވާ ކަމެއްކަމުން، މި ހާލަތުގައި ސީދާ މަސައްކަތްތެރިން ޝާމިލް ނުވާނެގޮތަކަށް އެމީހުންގެ ސިއްހީ ސަލާމަތާއި ރައްކާތެރިކަން ތަންފީޒު ނުވާނެ ގޮތަކަށް އެކުލަވައިލެވިފައިވާ އުސޫލުތަކަށް އަމަލު ކުރެވިގެން ހިނގައިދާނެ ކަމަށް ނުފެންނާތީ، އެކުލަވާލި މިންގަނޑާ އެއްގޮތަށް ޓޫރިސްޓް ރިސޯޓް އަދި ހޮޓާ ހިންގާ ފަރާތްތަކުން ފުރިހަމައަށް އަމަލު ކުރުމަށް ޓީމުން ގޮވާލައެވެ.

މީގެ އިތުރުން ޓީމުން ބުނީ، ކުލަވާލެވުނު މިންގަޑާއި ގައިޑްލައިން ވާނީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އީމެއިލްގެ ޒަރިއްޔާއިން ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކޮށްފައި ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެ މިނިސްޓްރީއަށް ފޮނުވި އީމެއިލަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް ޓީމުން ބުނެއެވެ.

ކޮވިޑްއާ ގުލީގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ތިން މަސް ފަހުން ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލާފައިވާ އިރު މިއަދު ހެނދުނު ފުރަތަމަ ފްލައިޓު ވަނީ ޖައްސާފައެވެ. ގަތަރުގެ އެ ފްލައިޓުގައި ރާއްޖެއަސް 129 ޓޫރިސްޓުން ވަނީ އައިސްފައެވެ.