ކޮވިޑް19 ގެ ހާލަތުގައި ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް 189.49 މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މިހާތަނަށް ހަ އިދާރާ އަކުން ވަނީ ރާއްޖެއަށް މާލީ އެހީތެރިކަން ދީފައެވެ. މީގެ ތެރޭ ލޯނާއި ހިލޭ އެހީ ހިމެނެއެވެ. އެއީ ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި، އިންޓަނެޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި، އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އަދި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކެވެ.

ރާއްޖެއަށް މާލީ އެހީ ދީފައިވާ އިދާރަތަކުގެ ތެރެއިން ވޯލްޑް ބޭންކުން 31.05 މިލިއަން ޑޮލަރު ދީފައި ވެއެވެ. އެގޮތުން 10 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓާއި، ވަޒީފާއަށް އަސަރު ކުރި މީހުންނަށް އިނާޔަތް ދިނުމަށް އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް 12.8 މިލިއަން ޑޮލަރާއި ކޮވިޑް19 އިިމަޖެންސީ ހެލްތް ރެސްޕޮންސް މަސައްކަތަށް 7.3 މިލިއަން ޑޮލަރު ދީފައި ވެއެވެ. މިއީ 50 ޕަސެންޓް ހިލޭ އެހީ އަދި 50 ޕަސެންޓް ލޯނުގެ ގޮތުގައިނ ދީފައިވާ އެހީކަމަށް ފިނޭންސުން ބުނެއެވެ. މީގެއިތުރުން ޓެސްޓް ކިޓާއި ލެބޯޓްރީ އިކުއިޕްމެންޓް ގަތުމަށް ވޯލްޑް ބޭންކުގެ ޕެންޑެމިކް ފައިނެންޝަލް ފެސިލިޓީގެ ދަށުން 0.95 މިލިއަން ޑޮލަރު ދީފައިވާ އިރު މި އެހީއަކީ 100 ޕަސެންޓް ހިލޭ އެހީ ކަމަށް ފިނޭންސުން ބުނެއެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ދީފައިވާ އެހީތަކަށް ބަލާއިރު، ޓެކްނިކަލް އެސިސްޓެންސް އަދި ގްރާންޓުގެ ގޮތުގައި 1.3 މިލިއަން ޑޮލަރާއި ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތައް ހައްލު ކުރުމަށް އޭޑީބީގެެ ކޮވިޑް19 އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗާ ސަޕޯޓު ޕްރޮގްރާމުގެ ދަށުން 50 މިލިއަން ޑޮލަރު ދީފައި ވެއެވެ.

އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ދީފައިވާ އެޙީތަކަށް ބަލާއިރު އެސްޓީއޯއަށް ލޯނުގެ ގޮތުގައާއި ބޭހާއި ކާބޯތަކެތި އަދި މެޑިކަލް އިކުއިޕްމެންޓް ގަތުމަށް 15.05 މިލިއަން ޑޮލަރު ދީފައި ވެއެވެ. މީގެ ތެރޭ ހިމެނެނީ 15 މިލިއަން ޑޮލަރުގެ ލޯނާއި 0.05 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ. ހަމައެއާއެކު އައިއެސްޑީބީ އިން 0.59 މިލިއަން ޑޮލަރުގެ ލޯނެއް ދީފައި ވާއިރު އެއީ ރީޖަނަލް ހޮސްޕިޓަލުތަކުގެ އައިސީޔޫތަކުގެ މަސައްކަތް ނިންމާ އިކުއިޕްމެންޓު ހޯދުމަށް ދިން އެހީއެކެވެ. މީގެ އިތުރުން އައިއެސްޑީބީ އިން ކްރިޓިކަލް ކެއާ ހިދުމަތް ފުޅާކޮށް ތަރައްގީ ކުރުމަށާއި ފްރަންޓްލައިން ހެލްތް ކެއާ ވޯކަރުންގެ ސަލާމަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަދި ހެލްތު މިނިސްޓްރީގެ ޑައިގްނޯޯސްޓިކް ކެޕސިޓީ ހަރުދަނާ ކުރުމަށް 20 މިލިއަން ޑޮލަރުގެ ލޯނެއް ދީފައި ވެއެވެ.

އިންޓަނެޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓް އަށް އެހީވުމަށް ރެޕިޑް ކްރެޑިޓް ފެސިލިޓީގެ ގޮތުގައި 28.9 މިލިއަން ރުފިޔާގެ އިންޓްރެސްޓް ފްރީ ލޯނެއް ދީފައިވެއެވެ. އަދި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން ޕީއެސްއައިޕީ ޕްރިގްރާމުތައް ކުރިއަށް ގެންދިޔުމަށް ބަޖެޓަށް ބޭނުންވާ ފައިސާގެ ތެރެއިން ލޯނުގެ ގޮތުގައި 20 މިލިއަން ޑޮލަރު ވެސް ދީފައި ވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޮވިޑްގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް 22.6 މިލިއަން ރުފިޔާގެ ލޯނުމި އިދާރާތަކުގެ އިތުރުންވެސް އެހެނިހެން މާލީ އިދާރާތަކުން ރާއްޖެއަށް އެހީ ހޯދުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ.