ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަސް ދުވަސް ފަހުން މިއަދު ޖެއްސި ފުތަމަ ފްލައިޓުގައި ރާއްޖެއަށް 129 ޓޫރިސްޓުން އައިސްފިއެވެ.

މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުގައި ރާއްޖެއަށް 129 ޓޫރިސްޓުން ވަނީ އައިސްފައެވެ. ގަތަރުގެ ފްލައިޓު މިއަދު އެއާޕޯޓުގައި ޖައްސާފައި ވަނީ ހެނދުނު 8:27 ހާއިރުއެވެ. އެ ފްލައިޓުން އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

މިއަދުން ފެށިގެން ކޮމާޝަލް ފްލައިޓްތައް ފަށަން ނިންމާފައި ވާއިރު މިހާތަނަށް 12 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. އެމިރޭޓްސް އިން ދަތުރުތައް ފަށަން ތާވަލު ކޮށްފައި ވަނީ ޖުލައި 16 އިން ފެށިގެންނެވެ. ދުބާއީއާއި މާލެއާ ދެމެދު ހަފްތާއަކު ފަސް ދުވަހު ފްލައިޓު ބާއްވަން ޝެޑިއުލް ކޮށްފައި ވެއެވެ. އިއްތިހާދު އެއާވޭސްގެ ދަތުރުތައް މިމަހުގެ 18 ގައި ފަށަން ތާވަލު ކޮށްފައި ވާއިރު އަބޫދާބީއާއި މާލެއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެއެވެ. މީގެ އިތުރުން އަންނަ މަހުގައި ފަށަން ތާވަލު ކޮށްފައި ވާ އެއާލައިންތަކުގެ ތެރޭގައި ގަލްފް އެއާ، ބްރިޓިޝް އެއާވޭސް، ހޮންކޮންގް އެއާލައިންސް، އިންޑިގޯ، ސިލްކް އެއާ، ސިންގަޕޯ އެއާލައިންސް އަދި ސްރީލަންކަން ހިމެނެއެވެ.

މިއަދު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމާފައި އޮތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެއާޕޯޓުގެ ތައްޔާރީތައް އިއްޔެ ބައްލަވާލައްވާފައެވެ. އެގޮތުން ފަސިންޖަރުން ސްކްރީންކުރުމާއި ކޮވިޑަށް ޓެސްޓު ކުރަން ޖެހޭ ހާލަތުގައި ޓެސްޓުކުރުން ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އަދި ރައީސްގެ މި ޒިޔާރަތުގައި، އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ވެސް އޮޅުން ފިލުއްވާފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޒަރޫރީ ބޭނުމަށް ނުނީ އެއްވެސް ފްލައިޓެއް ބާއްވާފައެއް ނުވެއެވެ.