އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ފުރަން ހަމަޖެހިފައިވާ އިތުރު 59 ފަރާތެއް އިންޑިއާއަށް ފުރައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، އާސަންދަ ރިފަރަލްގެ ދަށުން އިންޑިއާއަށް 59 ދިވެހިން އިއްޔެ ފުރާފައިވާ ކަމަށެވެ. އަދި އިންޑިއާއަށް މިފަހަރު ފުރި އެންމެންގެ ބޭސްފަރުވާ ހަމަޖެހިފައި ވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓާ އަދި ކިމްސް ހޮސްޕިޓަލުގައި ކަމަށް ޑ. ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން 49 މީހުންނަކީ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތައް ކަމަށާއި ބާކީ ތިބި 10 މީހުންނަކީ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ހަމަޖެހިފައިވާ މީހުންކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު އެ ހުރިހާ ފަރާތެއް ހޮސްޕިޓަލަށް ދެވި ބޭސްފަރުވާގެ ކަންކަން ފެށިގެން ކުރިއަށްދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެ ލޮކްޑައުން ކުރި ފަހުން އާސަންދައިގެ ދަށުން އިންޑިއާއަށް ފުރި މީ ދެވަނަ ފްލައިޓެވެ. ރާއްޖެއިން ފުރި ފުރަތަމަ ފްލައިތް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ ފްލައޓިގައި 28 ދިވެހިން ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.
އާސަންދައިން ބުނެފައިވަނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ދިއުމަށް ގިނަ ބަލިމީހުން ލިސްޓުކުރެވިފައިވާ ކަމަށެވެ.އޭގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.