ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފުރުން މަނާ ކުރަން ކޯޓު އަމުރު ނެރެފިއެވެ.

ފުލުހުން ބުނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޖިނާއީ ކުށްތަކާ ގުޅޭގޮތުން ކްރިމަނަލް ކޯޓުގައި އުފުލިފައިވާ ދައުވާތައް މިއަދު ބާތިލުކުރުމުން އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށްޓަކައި އެ މައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ފުރުން މަނާ އަމުރެެއް ނެރެދިނުމަށް ފުލުހުން އެދިފައިވާ ކަަމަށެވެ. ފުރުން މަނާ ނެރެދިނުމަށް އެދުމާ ގުޅިގެން ކްރިމަނަލް ކޯޓުން ވަނީ އެމައްސަލަތަކާ ގުޅިގެން އަހުމަދު އަދީބު ރާއްޖެއިން ފުރުން މަނާ ކޮށް އަމުރެއް މިރޭ ނެރެދީފައި ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ މީގެ ކުރިންވެސް އަދީބަކީ ފިއްލަވާފާ ބޭފުޅެއް ކަމަށާއި ކުށުގެ ރިކޯޑުވެސް އޮތް މީހެއް ކަމަށެވެ. އެހެން ކަމުން ހައި ކޯޓުން މީގެ ކުރިން އެފަދަ މައްސަލައެއްގައި ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކޮށް އަދީބު ފުރުން މަނާ ކުރުމުގެ އަމުރެއް ނެރޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބު ހައްޔަރު ކުރަން ޖެހިއްޖެ ނަމަ، ހައްޔަރުކުރުމުގެ އަމުރަކަށް އެދުމަށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ދައުވާ ތަކަކީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ކުށުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލްކޮށްފައެވެ. އެހެންކަމުން އަދީބު ވަނީ މިނިވަންވެފައެވެ.