މޯލްޑިވްސް މީޑިއާ ކައުންސިލް، (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގާނޫނަކުން އަވަހަށް އެއްކޮށްލުމުގެ ބިލުުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި އެޓާނީޖެނެރަލް (އޭޖީ) އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ވިސާމް ވިދާޅުވީ އެމްއެމްސީއާއި ބްރޯޑްކޮމް އަދި ސަރުކާރުން ވެސް މީޑިއާއާ ގުޅޭ ކަންކަން ކުރަންޖެހޭ ގޮތަށް މިހާރުގެ ގަވާއިދާއި ގާނޫނުތައް އެބަހުރި ކަމަށެވެ. އެހެންކަމުން އެކަމަށް ގަވާއިދެއް ހަދައިގެން މައްސަލަ ހައްލު ކުރެވޭނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެ މުއައްސަސާގެ ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނައުމުގެ ބަދަލުގައި މުޅި މައްސަލައަށް ފަސޭހަ ހައްލެއް ލިބިގެންދާނީ ގާނޫނުން ދެ މުއައްްސަސާ އެއްކޮށްލުން އަވަސްކޮށްގެން ކަމަށްވެސް މެންބަރު ވިސާމް ވިދާޅުވިއެވެ.
އެކަމަަށްޓަކައި އެކުލަވައިލި ސަބް ކޮމިޓީން މީޑިއާތަކާ ބައްދަލުކުރި އިރުވެސް ވިސްނުން ހުރީ އެ ދެ މުއައްސަސާ އެއްކޮށްލުމަށް ކަމަށާއި އެމްއެމްސީއަށް އިތުރަށް ބޭނުންވާ ފައިސާ ހޯދައިދިނުމަށް ފިނޭންސް މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކުގައި ވެސް އެއް ކަމަކަށް ދެ ކޮމިޝަން އޮތުމުން އެކަން ކުރުމަށް އުނދަގޫވާ ކަމަށް ފިނޭންސުން ބުނެފައިވާ ކަމަށް ވިސާމް ވިދާޅުވިއެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީގެ ވިސްނުންވެސް ހުރީ ދެ މުއައްސަސާ އެއްކޮލުން އަވަސް ކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމްއެމްސީގެ މެންބަރުންނަކީ މަޖިލީހުން ރުހުން ދީގެން އައްޔަން ކޮށްފައިވާ ބައެއްނޫން ކަމަށާއި، އެއީ މީޑިއާތަކުން ވޯޓު ލައިގެން އިންތިހާބުކޮށްފައިވާ ބައެއް ކަމަށް ވިސާމް ވިދާޅުވިއެވެ. އެހެންކަމުން ވަކި ދުވަހެއް ކަނޑައަޅައި އެދުވަހެއްގެ ކުރިން ގަވާއިދެއް ހަދައި މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަނަށް މަޖިލީހުން އެންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީއަށް ބޭނުން ވެއްޖެ ހިނދެއްގައި އެފަދަ ގަވާއިދެއް ހެދުމުގެ މުހިއްމުކަމާއި އެކަމުގެ ސަމާލުކަމަށް އެދި އެމްއެމްސީއަށް ކޮމިޓީން ހުށަހެޅިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމިޓީގައި މިއަދު ބޭއްވި ބަހުސްގައި އެމްއެމްސީ އާއި އެމްބީސީ ގާނޫނަކުން އަވަހަށް އެއްކޮށްލުމަށް އެދި އެބިލުގެ މަސައްކަތް އަވަސްކޮށްދިނުމަށް އޭޖީއަށް ދެންނެވުމަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއިދު ކުރައްވާފައި ވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. ވިސާމުގެ ހުށަހެޅުން ފާސްވުމާއެކު، އެކަމަށްޓަކައި އެކުލަވައިލި ސަބް ކޮމިޓީން ފާހަގަކުރި ކަންތައްތަކާއެކު މާދަމާ އޭޖީއަށް އެކަމާބެހޭ ސިޓީ ފޮނުވުމަށް ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނިންމެވިއެވެ.