ސިފައިންނާާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން އިއްޔެ ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އިއްޔެ ހުޅުމާލޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 41 މީހުްނގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

އިއްޔެ ހިނގި މި ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައި ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެގެންނެވެ. މި މުޒާހަރާގައި ބިދޭސީން ވަނީ ފުލުހުންނާ ކުރިމަތިލާފައެވެ. އެގޮތުން، ބިދޭސީން ވަނީ ފުލުހުންނާ ދިމާލަށް އޮތްގާ އުކާ ހަމަލާދީފައެވެ.

މި މުޒާހަރާގައި ހިތްހަމަނުޖެހުން ހިނގައި ބައެއް ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަށްވަނީ ގެއްލުން ވެފައެވެ. އަދި އާންމުންގެ ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން އިއްޔެ މުޒާހަރާކޮށްފައިވާއިރު، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައިވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެހާ ލާރި ވެސް އެމީހުން އަތުގައި ނެތެވެ.

މީގެ އިތުރުން ވެސް ދާދި ފަހުން ވަނީ ބ އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ބިދޭސީންގެ މުޒާހަރާއެއް ހިނގާ ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާފައެވެ. އެގޮތުން، ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ އެތަނުގަިއ މަސައްކަތް ކުރާ ދިވެހިން ރަހީނުކޮށް، ފުލުހުން އެރަށަށް އަރަން އުޅުމުން އެކަން ހުއްޓުވުމަށް ފުލުހުންގެ ލޯންޗަށް އެކި ތަކެތި އުކާ ހަމަލާދީފައެވެ.

އެ ހަމަނުޖެހުމުގައި ފުލުހުންތަކަކަށް އަނިޔާވެފައިވާއިރު، އެ ރަށުގައި ހުރި އެކި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ.