ރާއްޖޭގެ ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ޖަމިއްޔާ އާއި ޖަމާއަތްތަކުން ވާހަކަ ދައްކަމުންދާތީ ކަންބޮޑުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ނޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން އިސްލާހު ކުރުމަށް ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިމުގެ ތެރެއިން އެ ހައްގުގެ ބޭނުން ކޮށްގެން ހިންގާ ހަރަކާތްތަކަށާއި ވާހަކަތަކަށް އެ މިނިސްޓްރީން އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންތައްތަކާމެދު ވާހަކަ ދެކެވުމަކީ ހަރުދަނާ ޑިމޮކްރެޓިކް މުޖުތަމައުއެއް ބިނާ ކުރުމުގައި މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެެވެ.

ނަމަވެސް ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނާނެ ފަދަ ހަރަކާތްތަކާއި ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޖަމިއްޔާ ޖަމާއަތްތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކަކީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނީ އިމުގެ ބޭރުން ހިންގާ ކަންތައްތައް ކަމަށެވެ.

ޔޫތު މިނިސްޓްރީން މިފަދަ ބަޔާނެއް ނެރުނު އިރު މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، އާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ދާހިލީ އަމްނާ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލް(އެންއެސްސީ) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވާ ވަނީ ވާހަކަ ދައްކާވާފައެވެ.