މާލޭގައި އެއްވުންތައް ބޭއްވޭނީ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށް މިިނސްޓްރީ އޮފް ހޯމް އެފެއާޒުން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ ދަށުން އެ މިނސިްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން ފުލުހުން ލިޔުމުން ހުއްދަ ދިނުމުން މެނެވީ އެއްވުންތައް ނުބޭއްވޭނެ ކަމަށެވެ.
އެގޮތުން ހުއްދަ ނުހޯދާ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހެންވޭރު ކަނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ހޯމް މިނިސްޓްރީން މިހެން ބުނެފައިވާއިރު، ފަހަކަށް އައިސް މާލޭގައި ގިނަ އަދަދަކަށް މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. އެގޮތުން، މަޖިލިސް ޖަވާބުދާރީ ކުރުވުމަށް ނަވާނައި އިން އިންތިޒާމްކޮށްގެން މަޖިލިސް އިދާރާ ކުރިމަތީގައި ބޭއްވި މުޒާހަރާއާއި، ފުލުހުންގެ ބިލާއި ވަޒީފާގެ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅުކޮށް މަޖިލިސް އިދާރާ ކައިރީ އަޑުއުފުލުން ހިމެނެއެވެ.
އަދި ޖިންސީ އަނިޔާއާއި ރޭޕާ ދެކޮޅަށް ވޮއިސް އޮފް ޗިލްޑްރަން (ވީއޯސީ) އިން އިސްނަގައިން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ އިތުރުން، "ޖާގައެއް ނެތް" ނަމުގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ވެލާނާގެ ކުރިމަތީ ވެސް ވަނީ މުޒާހަރާކޮށްފައެވެ. އަދި މީޑިއާތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅުން ވެސް ވަނީ ބްރޯްކާސްޓިން ކޮމިޝަން ކުރިމަތީ މުޒާހަރާކޮށްފައެވެ.
މީގެ އިތުރުން، ބިދޭސީން ވެސް ދަނީ އެމީހުންނަސް މުސާރަ ނުލިބޭތީ ކަމަށް ބުނެ މުޒާހަރާތައް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން ވަނީ ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި ދެފަހަރަކަށް މުޒާހަރާކޮށްފައެވެ. އަދި ބ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއް ކަމަސްވާ ބޮޑުފިނޮޅުގައި ވެސް ބިދޭސީން ވަނީ މުޒާހަރާކޮށްފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލުން ހިނގާ، މީހުންނަށާއި ތަކެއްޗަށް އަނިޔާވެ، ބަޔަކު ހައްޔަރުކޮށް ދައުވާވެސް ވަނީ ކޮށްފައެވެ.