މިއަދު ހުޅުމާލޭގައި ހިނގި މުޒާހަރާއާ ގުޅިގެން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިދޭސީންނަށް މުޒާހަރާ ކުރެވިގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ބިދޭސީން ހަމަނުޖެހުން ހިންގުމާއި މުޒާހަރާކުރުން ފަދަ ކަންކަމަކީ އެއްވެސް ސަބަބަކާ ހުރެ އެއްވެސް ހާލެެއްގައި ކުރެވިގެންވާނެ ކަންކަން ނޫން ކަމަށެވެ. އަދި އެކަންކަން ނުހުއްޓުވައި އެކަން ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ދެވޭނަމަ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ހިސާބަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެފަދަ ކަންކަން ކުރުމަށް އެއްވެސް މިންވަރަކަށް ފުރުސަތު ދިނުމެއް ނެތި ވަގުތުން ވަގުތަށް އެކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށާއި ދައުލަތުގެ މުއައްސަސާތަަކަށް އިދިކޮޅޫން ގޮވާލިއެވެ.
ރާއްޖޭގައި ބިދޭސީން ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި އެ ހަމަނުޖެހުންތަކުގައި ފުލުހުންނާއި ސިފައިންނާ ކުރިމަތިލައި ދެމުން ގެންދާ ހަމަލާތަކާއި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ބިދޭސީން ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި ދިވެހިންނަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމާއި ފުލުހުންނާއި ސިފައިންނާ ކުރިމަތިލާ ދެމުންގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އަދި ބިދޭސީން ހިންގަމުން ގެންދާ މިފަދަ ހަމަނުޖެހުންތަކުގެ ފަހަތުގައި ސިޔާސީ ތިބި ކަމަށް ސަރުކާރުގެ ފަރާތުން ބުނެފައިވާތީ އެ ބަޔަކު ހޯދައި ގާނޫނުތަކުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
އަދި މިކަމަކީ ވަކި ގައުމެއް އަޑީގައި ތިބެގެން ނުވަތަ ރާއްޖޭގެ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއްތޯ ސާފުކޮށްދިނުމަށް ވެސް އިދިކޮޅުން ބުނެއެވެ. މީގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާ ކުރާ ފަރާތަށް މުސާރަ ދިނުން ލަސްކުރުން ފަދަ ގާނޫނީ ކުށް ކުރާ ފަރާތްތަކަށާއި އިންސާނީ ވަގުފާރު ކުރާ ފަރާތްތަކަށާއި ބިދޭސީން ރާއްޖެ ގެނެސް އެމީހުންނާ މެދު އިހުމާލުވެފައިވާ ފަރާތްތައްވެސް އިންސާފުގެ ކުރި މައްޗަށް ގެނެސް ސީރިއަސްކަމާއެކު އެކަންކަން ބެކުމަށްވެސް އިދިކޮޅު ކޯލިޝަނުން ގޮވާލިއެވެ.
އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން މިއަދު މުޒާހަރާ ކޮށްފައިވާ އިރު، ފުލުހުންނަށާއި ފުލުހުންގެ ވެހިކަލަށާއި އަދި އެސަރަަހައްދުގައި ހުރި ބައެއް ގެތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. މިއަދުގެ އިތުރުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައި ވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެ ހާ ލާރި ވެސް އެމީހުންގެ އަތުގައި ނެތެވެ.
ތިޔައީ ތިކަން ކުރާ ބަޔަކީ