ވޭތުވެ ދިޔަ 24 ގަޑި އިރުގެ ހިސާބުތަކަށް ބަލާއިރު 31 މީހުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ޖުމްލަ އަދަދު 2762 އަށް އަރާފައިވާ ކަަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު ކޮވިޑް-19 އަށް މިއަދު 31 މީހުން ޕޮޒިޓިވްވެ 6 މީހުން ބަލިން ރަނގަޅު ވަނީ ވެފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2762 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2290 އަށް އަރާފައެވެ.
ރާއްޖެއިން މިހާރު 2290 މީހުން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ވަނީ ހުޅުވާލާފައެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 70 މީހުން އަދި އައިސޮލޭޝަންގައި ތިބީ 382 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 13 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 67 މީހުންނެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާގެ އެކަކެވެ. އިއްޔެ އަކީ ލޮކްޑައުންއަށް ލުއިދޭންފެށިފަހުން މިހާތަނަށް އެންމެ ގިނަ މީހުން މި ބައްޔަސް ޕޮޒިޓިވްވެފައިވާ ކަން ފާހަގަކުރެވުނު ދުވަހެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1104 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1336 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 234 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 45 މީހުންނާއި ސްރީލަންކާގެ 19 މީހުންނެވެ.