މަސްވެރިކަމުގައި ނުކުތް ދޯންޏެއްގައި ހުރި ދިވެއްސެއްގެ ބޯ ފަޅައިގެން ގޮސް އޭނާގެ ހާލު ދެރަވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ރ. އަތޮޅުގެ 70 ނޯޓިކަލް މޭލް ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ވިލޭޖް މެރިން" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ.

އެ ދޯނީގައި ހުރި ދިވެއްސެއް ދޯނި ތެރެއަށް ވެއްޓި ބޯ ފަޅައިގެން ގޮސް އެތަނުން ލޭ މަނާ ނުވާތީ އެމްއެންޑީއެފް ނޯތް އޭރިއާއިން ހަރަކާތްތެރިވާން ފަށައިފާ ވާކަމަށެވެ. މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިރޭ 6:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އަދި އެމީހާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސީއެމްބިއުލަންސް އުނގޫފާރުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހާދިސާގައި އަނިޔާ ވެފައި ވަނީ ކޮން އުމުރެއްގެ މީހަކަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކުގައި އެމްއެނޑީއެފުން ދަނީ އަބަދުވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ 13 މީހުންނާއެކު މަސްވެރިކަން ކުރަން ނުކުމެ އުޅުނު މަސް ދޯންޏެއް މެދުން ބިންދައިގެން ދިއުމުން އެ ދޯނީގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.