މުސާރާ ނުލިބޭ މައްސަލަތައް ފަދަ މައްސަލަތައް ހައްލުކުރުމުގައި ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ މިއަދު ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ބެހޭ ގޮތުން ނެރުނު ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިއަދު ހެނދުނު ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެންޖެހޭ މުސާރަ ނުލިބޭ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ބިދޭސީން ކުރި އިހުތިޖާޖަކާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާއަށް ގާ އުކައި ހަމަަނުޖެހުން ހިންގާފައިވާ ކަމަށެވެ.

އެ ގޮތުން އެ ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ވެފައިވާ ކަަމަށް ފުލުހުން ބުނެއެވެ. މި ކަމާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީ މަސައްކަތްތެރިން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަމަަކީ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަންކަން ކަމަށާއި އެ އަމަލު ހިންގުމުގައި ބައިވެރި ވި މީހުންނާ މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރަން ތިބޭ ފުލުހުންނަށް ހަމަލާ ދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތާއި ރައްޔިތުންގެ މުދާ ހިމާޔަތް ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގައި ފަސްނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން މިއަދު މުޒާހަރާ ކޮށްފައިވާ އިރު، ފުލުހުންނަށާއި ފުލުހުންގެ ވެހިކަލަށާއި އަދި އެސަރަަހައްދުގައި ހުރި ބައެއް ގެތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. މިއަދުގެ އިތުރުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައި ވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެ ހާ ލާރި ވެސް އެމީހުންގެ އަތުގައި ނެތެވެ.