މިދިޔަ ބުރާސްފަތި ދުވަހު ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި، ބައިވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވި ބައިވެރިއަކު ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ ކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ ކަމަށާއި ނަމަވެސް ޕޮޒިޓިވް ވެފައި ވަނީ ކޮން އިދާރާއެއްގެ މުވައްޒަފެއްކަން އަދި ކަށަވަނުވާ ކަމަށެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފޮޓޯތަކުންވެސް ފެންނާނެ، ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ތިން ފޫޓު ދުރުގައި، މާސްކް އަޅުއްވައިގެން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓެލްކޯގެ ސެމިނާ ރޫމުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޕޮޒިޓިވްވީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ މުވައްޒަފެކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކުގެ އޮފިޝަލުން ބައިވެރިވެފައިވާ އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުން އަދި މަދަނީ ޖަމިއްޔާތަކާއި ޔުނިސެފްގެ ފަރާތުން މަންދޫބުން ބައިވެރިވިއެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރުމާއި އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށް، ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އެ މީހުންގެ އަޑު އުފުލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށެވެ.