ސައޫދީ އަރަބިއްޔާއަށް އިއްޔެ ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރި ކޮށްފިއެވެ.

ޕޮރިން މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާއަށް އަމާޒުކޮށްގެން އިއްޔެ ދިން ބެލެސްޓިކް މިސައިލް އަދި ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި މެދުކެނޑުމެއް ނެތި އެގޮތަށް ދޭ ހަމަލާތަކަކީ އެސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށާއި، ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން މަޝްވަރާކުރުން މުހިއްމުކަމަށް ދިވެހިރާއްޖެއިން ފާހަގަކޮށްފައިވެެއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ސަޢޫދީ އަރަބިއްޔާއާއެކު ވާކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގަވާމީ މަސައްކަތުގައި ފަހަތަށް ނުޖެހި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ސައުދީން ބުނެފައިވަނީ އާދީއްތަ އަދި ހޯމަ ދުވަހު ދީފައިވަނީ މިސައިލް ހަމަލާތަކެއް ކަމަށެވެ. އެގޮތުން ހަތަރު މިސައިލާއި ހަތް ޑްރޯންއިން ހަމަލާ ދީފައިވަނީ ޔަމަނުގައި ތިބި އީރާނުން ވާގިވެރިވާ ހޫތީ ހަނގުރާމަވެރިން ކަމަށް ސައުދީން ބުނެއެވެ.