ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ހޯދާ، ހިޔާނާތްތެރިވުން އިތުރު ވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލާތުން ގިނަ އަދަދުތަކުން މީހުން އަތުން ފައިސާ ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރި ވާ މައްސަލަތައް ފަހަކަށް އައިސް ހުށަހެޅޭލެއް އިތުރު ވެފައިވާ ކަމަށެވެ.

އަދި ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަމުން ދާ އެފަދަ މީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް، ހާއްސަކޮށް ވައިބާގެ ކޮމިއުނިޓީ ގްރޫޕްތައް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިސްތިހާރުކޮށް ފައިސާ އަތުލަމުން ދާކަން ފުލުހުންނަށް ފާހަގަ ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެފަދަ ކުށުގެ ޝިކާރަ އަކަށް ވުމުން ރައްކާތެރި ވުމަށްޓަކައި އޮތޮރައިޒްޑް މަނީ އެކްސްޗޭންޖް މެދުވެރިކޮށް ނޫނީ އެފަދަ މުއާމަލާތް ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަދަ މައްސަލަތައް އިތުރުވާ ކަމަށް ފާހަގަ ވެފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން މާލޭގައި އިއުލާން ކުރި ލޮކްޑައުންގައި މުދާ ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެ ފައިސާނަގައި މަކަރު ހެދުމުގެ މައްސަލަތައް ގިނަ ވަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ނަމުގައި ނާޖާއިޒް ގޮތުގައި ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލު ވުމަށް ފުލުހުން މީގެ ކުރިންވެސް ވަނީ އިލްތިމާސް ކޮށްފައި ވާއިރު، ތަކެތި ގެނައުމުގައި ލަސްވުމާއި އޯޑަރު ކުރާ ތެކެތި މަދުވުން ފަދަ ކަންތަށް ދިމާވަމުންދާ ކަމަށް މީގެ ކުރިންވެސް ފުލުހުން ވަނީ ބުނެފައެވެ. އެކަންކަމަށް ސަމާލު ވުމަށްވެސް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.