ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ޒަކަރިއްޔާ ހުސައިން ވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވި ކަމުގެ ލިއުން ރައީސް އޮފީހަށް ލިބިފައިވާ ކަމަށް އެ އޮފީހުގެ މިނިސްޓަރަކު މަޖިލީހަށް މައުލޫމާތު ދެއްވާފައި ވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ޒަކަރިއްޔާ އިސްތިއުފާ ދެއްވާފައި ވާއިރު، އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި ދެ ބޭފުޅުން އިސްތިއުފާ ދެއްވި އިރު ޝަމީމާއި ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި އިތުރު ދެ މެންބަރަކު ހިމެނޭ ގޮތަށް ހަތަރު މެންބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ނަޝީދު ވިދާޅުވީ، އެހެންކަމުން ކޮމިޓީ ރިޕޯޓަށް ވޯޓު ނެގުމުގައު ޝަމީމް އަދި ޒަކަރިއްޔާ ހިމަނަން ނުޖެހޭނެ ކަމަށެވެ.

ޝަމީމާއެކު އެ ކޮމިޝަނުގެ 4 މެންބަރަކު މަގާމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ މިިދިޔަ މަހު 29 ގައި ނިންމާފައެވެ. މަގާމުން ވަކި ކުރަން ނިންމީ، ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔައެވެ. ނަމަވެސް މައްސަލައަށް ޖަވާބުދާރީ ވުމުގެ ގޮތުން އާމިރާ މަޖިލީހަށް ފޮނުވި ސިޓީއަކާއެކު، އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމެޓީން ވަނީ ނިންމާފައެވެ.