ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި ކަން އޮތް ގޮތުގެ ހަގީގަތް ރައްޔިތުންނަށް ބުނެދިނުމަށް ހުރިހާ ސިޔާސީ ވެރިންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ނަޝީދު މިހެން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ބެހޭގޮތުން މަޖިލިހަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 75000 ބިދޭސީން، އެއްވެސް ސަރުކާރަކަށް އެމީހުންގެ ރުހުމުގައި، ނުވަތަ ދާން އުޅޭ ނުވަތަ ފޮނުވަން އުޅޭ ރަށުގެ ރުހުމުގައި ނޫނީ ނުފޮނުވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މި ރަށުގައި ތިބި 75000 ބިދޭސީން ފޮނުވާ ލެވޭނެ ގޮތެއް އެއީ ދުނިޔޭގެ އެއްވެސް ގައުމަކަށް މިހާތަނަށް ފެނިފައި އޮތް ގޮތެއް ނޫން ކަމަށެވެ. އެގޮތުން، ނަޝީދު ވަނީ އިންޑިއާއަށް އެތެރެވި ރޮހިންގްޏާ މުސްލިމުން އަލުން އަނބުރާ ބަންގްލަދޭޝަށް ފޮނުވުމަށް އިންޑިއާއިން ކުރި މަސައްކަތުން މިސާލު ނަންގަވާފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އިގްތިސޯދީ ސަބަބަކަށްޓަކައި ނުވަތަ އިންސާނީ ހައްގުތައް ގެއްލިދާތީ ނުވަތަ އެހެންވެސް މައްސަލައަކާ ހެދި އެއް ގައުމުން އަނެއް ގައުމަށް މަސައްކަތަށާއި އެހެން ވެސް ކަމަކު ހިޖުރަކުރާ މީހުން އަލުން އަނބުރާ ފޮނުވާ ލުމަކީ ދުނިޔެ ދުވަހަކުވެސް ދެކެފައި އޮތް މަންޒަރެއް ނޫން ކަމަށެވެ. އެހެންކަމުން ދިވެހިންނަށް، މާދަމާ އެ ހުރިހާ އެންމެން ފޮނުވާ ލެވިދާނެ ކަމަށް ދެކެވޭ ކަމަށް ވަނީވިންޏާ އެއީ ހަގީގަތުގައި ވާން ނެތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެން އެމީހުން ކައިރީ ކަލޭމެން މާދަމާ ދާށޭ އަދި ބުންޏަކަސް އަޅުގަނޑުގެ ހިތެއް ނުބުނޭ އެކަން އެގޮތަކަށް ހިންގިދާނެ ކަމަކަށް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ އެކި ބޭނުންތަކަށް ލައްކައަކަށް ވުރެ ގިނަ ބޭރު މީހުން އިންތިހާއަށް ހެޔޮ އަގުގައި ވަގަށް ރާއްޖެ އެތެރެކޮށް، އެމީހުން ލައްވައި ގުލާނުކޮށް އަޅުދާސްތުކޮށް މަސައްކަތް ކުރުވާ 72 ބިލިއަން ރުފިޔާގެ އެސެޓެއް ނުވަތަ ގައުމީ އުފެއްދުންތެރި ކަމެއް ރާއްޖޭގައި ގާއިމު ކޮށްފައިވާ ކަމަށެވެ. އަދި ކަން މިހެން ކުރުމަށް ފަހު އެމީހުން ކައިރީ މާދަމާ ދާށޭ ބުންޏަކަސް އެކަން އެގޮތަކަށް ހިންގިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި އެކަން އެގޮތަށް ހިންގާނެ ކަމަށް ވިދާޅުވާ ބޭފުޅަކު ހުންނެވީ ވިއްޔާ، އެއީ އެހެން ބާވަތެއްގެ ވާހަކައެއް ދައްކަވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ، ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދާ ހިލާފަށް އެތެރެ ވެފައި ވާއިރު، ބައެއް ބިދޭސީންނަށް އުޖޫރަ ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތަށް ސަލާމަތީ ހިދުމަތްތަކާ ބައެއް ބިދޭސީން ކުރިމަތިލާފައި ވާތީއެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލަތް) ހުށަހެޅުއްވި މައްސަލާގައި ވަނީ ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލަ އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުންނާއި ދައުލަތުން ކުރުމަށް ގޮވާލައިފައެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތަށް ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލައި ބައެއް މީހުންގެ މުދަލަށް ގެއްލުން ދޭން ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުން ދިއުމަކީ މަޖިލީހަށް އެ ކުއްލި މައްސަލަ ހުށަހަޅުއްވާ ސަބަބެއް ކަމަށް ދޮން ބިލަތް ވިދާޅުވިއެވެ.