ކުރީ ސަރުކާރުން ވަނީ އިމިގްރޭޝަން ޑިޕާޓްމަންޓުގައި ހުންނަ ޕައިސިސް ސިސްޓަމްގެ އެކްސެސް ބިދޭސީންނަށް ދީފައި ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލަތް) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދާ ހިލާފަށް އެތެރެވެފައިވާއިރު، ބައެއް ބިދޭސީންނަށް އުޖޫރަ ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތަށް ސަލާމަތީ ހިދުމަތްތަކާއި ބައެއް ބިދޭސީން ކުރިމަތިލާފައި ވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވަމުންނެވެ.

ދޮން ބިލަތް ވިދާޅުވީ، އިމިގްރޭޝަން ޑިޕާޓްމަންޓުގައި ހުންނަ ޕައިސިސް ސިސްޓަމަށް އެކްސެސް ވުމުގެ ހުއްދަ ގަވައިދުގެ ދަށުން ލިބެނީ ދެމީހުންނަށް ކަމަށެވެ. ނަމަވެސް މި ސަރުކާރު ހަވާލުވިއިރު، އެ ސިސްޓަމަށް އެކްސެސްވުމުގެ ހުއްދަ 60 މީހަކަށް ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް "ހެސް ކިޔާފަ" ގަވާއިދާ ހިލާފަށް މީހުން އެތެރެކޮށްފައިވަ ކަމަށާއި، އެމީހުން އެތެރެކުރި މީހުންނަށް ގެނެވެނީ ކޮން ބަޔަކު، ކާކު ކައިރިއަސް ކަން ވެސް ނޭނގެ މިންވަރަށް މީހުން އެތެރެކޮށްފައިވާ ކަމަށް ދޮން ބިލަތް ވިދާޅުވިއެވެ.

ދޮން ބިލަތް ހުށަހެޅުއްވި މައްސަލާގައި ވަނީ ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލަ އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުންނާއި ދައުލަތުން ކުރުމަށް ގޮވާލައިފައެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތަށް ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލައި ބައެއް މީހުންގެ މުދަލަށް ގެއްލުން ދޭން ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުން ދިއުމަކީ މަޖިލީހަށް އެ ކުއްލި މައްސަލަ ހުށަހަޅުއްވާ ސަބަބެއް ކަމަށް ދޮން ބިލަތް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާ ބަހުސް ކޮށްފައިވާއިރު، ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ވަނީ މިއަދު ހެނދުނު މުޒާހަރާކޮށް، ފުލުހުންނާއި ތަކެއްޗަށް ގެއްލުން ދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، މިއަދު ހުޅުމާލޭގައި މުޒާހަރާކޮށްފައިވާ ކަމަށެވެ. އެގޮތުން މި މުޒާހަރާގައި ހިތްހަމަނުޖެހުން ހިނގައި ބައެއް ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މިހާރު މި ހަމަނުޖެހުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މުޒާހަރާ ކުރި ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓްްގެ ލޭބާ ކުއާޓާއެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.