ސިފައިންނާާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން އަނެއްކާވެސް މުޒާހަރާކޮށް، ފުލުހުންނާއި ތަކެއްޗަށް ގެއްލުން ދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، މިއަދު ހުޅުމާލޭގައި މުޒާހަރާކޮށްފައިވާ ކަމަށެވެ. އެގޮތުން މި މުޒާހަރާގައި ހިތްހަމަނުޖެހުން ހިނގައި ބައެއް ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މިހާރު މި ހަމަނުޖެހުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އަދި މުޒާހަރާ ކުރި ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓްްގެ ލޭބާ ކުއާޓާއެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން މިއަދު މުޒާހަރާކޮށްފައިވާއިރު، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައިވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެހާ ލާރި ވެސް އެމީހުން އަތުގައި ނެތެވެ.

ބިދޭސީންތަކެއް ހުޅުމާލޭގައި އިހުތިޖާޖު ކޮށްފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ.

މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. މީގެ އިތުރުން ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.