އެމްޕީއެލްގެ ބަސް އެޓެންޑެންޓަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތިގައި އެ މުވައްޒަފު ވަނީ އިއްޔެވެސް ވަޒީފާއަށް ނުކުމެފައެވެ. އަދި އޭނާ ޕޮޒިޓިވް ވެފައިވާކަން އެނގިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިއަދު އެމްޕީއެލްގެ ސްޓާފަކު ޕޮޒިޓިވް ވެފައިވާއިރު، މީގެ ކުރިންވެސް އެމްޕީއެލްގެ މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ވަނީ ހުޅުވާލާފައި ވާއިރު ކޮވިޑަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިއަދު ރާއްޖެއިން ކޮވިޑަށް 67 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2731 އަށް އަރާފައި ވާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވެފައި ވަނީ 16 މީހެކެވެ. މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދު ވަނީ 2284 އަށް އަރާފައެވެ.

މިހާރު މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގައިވެސް ވަނީ ކޮވިޑް ފެތުރެން ފަށާފައެވެ. އެގޮތުން މިއަދު ވަނީ ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެފައެވެ. އެ އަތޮޅު ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބުމަށް ފަހު ދޫކޮށްލި 3 މީހަކު ޕޮޒިޓިވް ވެ، އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. ރ. ދުވާފަރުގައި ހޯމް ކަރަންޓީންގައި ބެހެއްޓުމަށް ފަހު އެޗްޕީއޭއިން ނެގެޓިވް ކަމަށް ބުނެ ދެ ދުވަސް ކުރިން ދޫކޮށްލި ތިން މީހަކު ޕޮޒިޓިވްކަން ހާމަވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މީގެ އިތުރުން ހިންމަފުށިން ވެސް ވަނީ މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާއި އއ. ތޮއްޑޫން ހޯމް ކަރަންޓީނގައި ހުރި ކުޑަ ކުައްޖަކުވެސް ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މީގެ ކުރިން ގއ. މާމެންދޫން ވެސް ވަނީ 3 މީހަކު ޕޮޒިޓިވް ވެފައެވެ.