ސިޔާސީ މުވައްޒަފުންތަކެއް ބިރުދައްކާ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކު ވަޒީފާ ދޫކޮށްލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި އެ މުވައްޒަފު ބުނެފައި ވަނީ އެ މުވައްޒަފަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މުވައްޒަފެއް ކަމަށެވެ. އަދި އޮފީހުން ލިބުނު ސްކޮލާޝިޕެއްގައި ރާއްޖޭން ބޭރަށް ކިޔަވަން ދާން ތައްޔާރުވެފައި އޮތް ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީގެ ބިއުރޯގެ މަސައްކަތްތައް ކުރަމުން ދިޔަ ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމުގައި މިނިސްޓްރީން އެކުލަވާލި ޓާސްކް ފޯހުގައި ފެށުނީއްސުރެ މެދުކެނޑުމެއްނެތި ވޮލެންޓިއާ ކޮށްދީފައި ވާނެ ކަމާއި އެދުވަސްވަރު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުން އެކި ކަހަލަ ފުރައްސާރަ އޭނާއަށް ކޮށްފައިވާ ކަމަށްވެސް އެސިޓީގައި ބުނެފައެވެ. އަދި އެކި މަސައްކަތްތަކުގައި އެ ފަރާތްތަކުން ނަފްސާނީ ގޮތުން ކުރަމުން ދިޔަ އަނިޔާތަކުގެ ޝަކުވާ އޭރު މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދާ ހިއްސާ ކުރުމުން، މިނިސްޓަރު އެކިފަހަރުމަތިން އެފަރާތްތަކަށް ނަސޭހަތް ދެއްވާފައިވާ ކަމަށާއި އެފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާފައި ވާކަމަށްވެސް އެ ސިޓީގައި ވެއެވެ.

ޓާސްކްފޯސްގެ މަސައްކަތްކުރި ދުވަސްވަރުގައި މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބައެއް މުވައްޒަފުންނާއި އެފަރާތްތަކަށް ވާގިވެރިވާ ބައެއް ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން މެދުކެނޑުމެއްނެތި ސީދާގޮތުންނާއި ނުސީދާގޮތުން އަޅުގަނޑަށް ކުރަމުން ދިޔަ ފުރައްސާރައިން ސަލާމަތް ކުރުމަށް ބިއުރޯގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މުހައްމަދު ހައްސާން އެހީތެރިވެ ދެއްވި.
މުވައްޒަފު

މީގެ އިތުރުން އެ ސިޓީގައި ބުނެފައި ވަނީ މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައި ވަނިކޮށް، ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވުނު ސްޓާފް މީޓިންގައި ސަރުކާރުގެ ވުޒާރާއެއްގައި މުހާތަބު ކޮށްގެންނުވާނެ ފަދަ ބޭއަދަބީ ބަހުން ބައެއް ފަރާތްތަކުން ވާހަކަ ދައްކާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މުވައްޒަފު ފާގަ ކޮށްފައިވާ ގޮތުގައި މަސައްކަތުން ބޭރުން އެއްވެސް މުވައްޒަފަކާ ވާހަކަ ދެއްކުން މަނާކުރުމާއި އޮފީސްތެރޭގައި ހިނގުން މަނާކޮށް ހަމަ އެކަނި ޑެސްކްގައި އިނުމަށް އޮފީހުގެ އިސްވެރިއަކު އޭނާއަށް އެންގުމުގެ އިތުރުން މުޅި ދުވަހު މަސައްކަތުގެ މާހައުލުގައި އެކަހެރިކޮށްފާ ވާކަން ވަނީ ފާހަގަ ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި ކަންކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ހާމަކޮށް ދިނުމުގައި އެންމެ މީހެއްގެ ގޮތުގައި ހުންނަން ޖެހުނަސް، އެކަން ކުރާނެ ކަމަށް އެ މުވައްޒަފުގެ ސިޓީގައި ބުނެފައި ވާއިރު، ވަޒީފާގެ މާހައުލުގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކޮށްދިނުމަށާއި އެމުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށާއި ބޭއިންސާފުން އަމަލު ކޮށްފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދައި ދިނުމަށާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމާއެކު އެ މައްސަލަ ބަލައި ދިނުމަށް ރައީސްގެ އޮފީހާއި، ރައްޔިތުންގެ މަޖިލިސް އަދި މޯލްޑިވްސް ޕޮލިސް ސާވީސްއަށް ވެސް އޭނާ ވަނީ ސިޓީ ފޮނުވާފައެވެ.

އެ ސިތީގެ ކޮޕީއެއް "ދަ ޕްރެސް" އަށް ވަނީ ލިބިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. ‏