ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިިފިއެވެ.

ފުލުހުން ބުނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުރުން މަނާކޮށްފައިވާ ކަމަށެވެ.

އަލީ ވަހީދު ރާއްޖެއިން ފުރުން މަނާކޮށްފައި ވާއިރު، އޭނާއަށް ތުހުމަތު ކުރަނީ އޭނާގެ ދަށުން މަސައްކަތް ކުރާ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޖުމްލަ 12 މުވައްޒަފަކަށް އެކި ޒާތުގެ ގޯނާ ލިބިފައި ވެއެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި އަލީ ވަހީދު މިނިސްޓަރު ކަމުން ވަކި ކޮށްފައި ވާއިރު، އޭނާއާ ދެކޮޅަށް އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ވަނީ، ޝަކުވާ ހުށަހަޅާފައެވެ. އެގޮތުން، އެ މުވައްޒަފުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، އަލީ ވަހީދު ކުރެއްވި ކަންކަން ކިޔައިދީފައި ވާ ކަމަށާއި، އަދި އެ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށްވެސް ވަނީ ހުށަހަޅާފައެވެ.

ފުލުހުން ފަށާފައިވާ ތަހުގީގާ ގުޅިގެން އަލީ ވަހީދު ދިރިއުޅޭ ގެވެސް ރޭ ވަނީ ބަލާ ފާސްކޮށްފައެވެ. ރޭގެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން މިއަދު ބުނީ، އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައްސަލައާ ގުޅިގެން ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ފުލުހުން ރޭ ހިފެހެއްޓި ތަކެތީގެ ތެރޭގައި، އަލީ ވަހީދުގެ ލެޕްޓޮފާއި ފޯނުވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފުލުހުން ހޯދަމުންދަނީ މާގިރި ހޮޓަލުގެ ސީސީޓީވީ ފްޓޭޖެވެ. ނަމަވެސް މާގިރި ހޮޓަލުން ބުނެފައި ވަނީ އެ ހޮޓަލުގެ އެންމެ އިސް މަސްލަހަތަކީ ގެސްޓުންގެ ޕްރައިވަސީ ކަމަށާއި، އެ ހޮޓަލުގެ ސީސީޓީވީ ފްޓޭޖެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ.