ނ. ކުޑަފަރީން މާލެ ގަނައި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

ކުޑަފަރި ކައުންސިލްގެ މެންބަރު މުހައްމަދު ރަމީޒް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އިތުރަށް ތަފްސީލުކޮށް ދެއްވަމުން އޭނާ ވިދާޅުވީ އެރަށުން އެހެން ރަށްށަށް ދަތުރުކުރުން މަނާކޮށްފައިވާއިރު، އެހެން ރަށްރަށުން އެރަށަށް ދިއުން ވެސް މަނީ މަނާކޮށްފައި ކަމަށެވެ. ނަމަވެސް އެރަށުން މަހަށް ފުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަމީޒް ވިދާޅުވީ، އެރަށުން މީގެ ދެ ދުވަސްކުރިން 90 އަހަރުގެ މީހަކު މާލެ ފޮނުވާފައިވާ ކަމަށާއި، އޭނާ މާލެ ގެނެސް ކޮވިޑަށް ޓެސްޓު ކުރި އިރު ޕޮޒިޓިވްކަން އެނގިފައިވާ ކަމަށެވެ. މާލެ ފޮނުވި މީހަކީ ފާހަނައިން ނުކުންނަނިކޮށް ވެއްޓި ފަޔަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އެ އަތޮޅު މަނަދުއަށް ގެންގޮސް އިތުރު ފަރުވާއަށް މާލެ ފޮނުވާލި މީހެކެވެ.

މީގެ ކުރިން ވެސް މި ގޮތަށް މާލެ ގެނެސް ފުރަތަމަ ޓެސްޓުން ޕޮޒިޓިވްވި ބައެއް މީހުން ދެވަނަ ޓެސްޓު ނެގަޓިވް ވެފައި ވެއެވެ. އެގޮތުން އައްޑޫ އިން މާލެ ގެނައި މީހަކު ވެސް ފުރަތަމަ ޓެސްްޓުން ޕޮޒިޓިވްވެ، އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ނަމަވެސް ދެވަނަ ޓެސްޓުން ނެގެޓިވް ވުމުން މޮނިޓަރިންގެ ހާލަތުން އެ އަތޮޅު ވަނީ ނަގާފައެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު، 2664 މީހަކު ޕޮޒިޓިވްވެ، 2268 މީހުން ރަނގަޅުވެފައިވާއިރު 13 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔާށް ފަރުވާ ހޯދަމުން ދަނީ 368 މީހެކެވެ. ޖުމްލަ 2664 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މި ޖުލައި މަހު އެކަނިވެސް 303 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 199 . ދިވެހިންނާއި 104 ބިދޭސީންނެވެ.