ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް އާމިނަތު އީނާސް އަދި އެ ކޮމިޝަނުގެ މެންބަރު އައިޝަތު އަފްރީން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެޗްއާރްސީއެމްގެ ދެ މެންބަރުން އިސްތިއުފާ ދެއްވާފައި ވަނީ އެ ކޮމިޝަން މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަައި ވަނިކޮށެވެ.
އެ މައްސަލައާއި ގުޅިގެން މަޖިލީހަށް ޖަވާބުދާރީ ވުމަށް އެޗްއާރްސީއެމްގެ މެންބަރުންނަށް ޖެންޑާ ކޮމެޓީން ވަނީ އަންގާފައެވެ. އެގޮތުން ޖަވާބުދާރީ ވުމަށް މަޖިލީހުން ދީފައި ވާ މުއްދަތު ހަމަވަނީ މިއަދެވެ. އީނާސް މަގާމުން އިސްތިއުފާ ދެއްވީ ލިޔުމުން ކޮމެޓިއަށް ޖަވާބުދާރީ ވުމަށް ފަހުއެވެ.
އެޗްއާރްސީއެމްގެ ރައީސާއި މެންބަރަކު އިސްތިއުފާ ދީފައި މިވަނީ، އެ ކޮމިޝަންގެ ހަތަރު މެންބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ވެސް ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ. ދައުރު ހަމަވަނީ، އީނާސް އާއި މެންބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އަފްރީން މުހައްމަދެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވެސް ބުނެފައިވެއެވެ.