މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައި، ގައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފިއެވެ.

މި ފުރުސަތު ހުޅުވާލީ، މި މަހުގެ 7 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި އަހަރު ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ ހާއްސަ އިނާމު ދެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހުއެވެ. އެގޮތުން އެ މަޖިލީހުން ރައީސް ސޯލިހަށް ލަފާއަރުވާފައި ވަނީ، އިނާމަށް މި އަހަރު އިއުލާނު ކުރެއްވުމަށެވެ.

އަދި ކޮވިޑުގެ ހާލަތު އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ހާލަތު ބަދަލުވެއްޖެނަމަ، ގައުމީ ދުވަހުގެ ޖަލްސާއާއި، ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ޖަލްސާ ބޭއްވޭނެގޮތް ނުވެއްޖެނަމަ، އެވަގުތުގެ ހާލަތަށް ރިއާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާއަރުވާފައެވެ.

ގައުމީ އިނާމު މިއަހަރު ވެސް ދެއްވާނީ، މައިގަނޑު 33 ދާއިރާއަކުންނެވެ. މި ދާއިރާތަކާއި، މި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، އެހެނިހެން މުއައްސަސާތަކުގެ ހިޔާލު މި އަހަރުވެސް ހޯދައި، ގެންނަންޖެހޭ ބަދަލުތައް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ގެނެސްފައެވެ.

ރައީސް އޮފީހުން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅން ޖެހެނީ އެކަމަށް ކަނޑައަޅާފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު 2:00 އެވެ. މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މަހު 4 ވަނަ ދުވަހުން ފެށިގެން އެމަހު 13 ވަނަ ދުވަހާ ދެމެދު ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދުއެވެ.

އެ ފޯމު ފޮނުވަންޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް، ރައީސް އޮފީހަށެވެ. ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރަން ހަމަޖެހިފައިވާއިރު، އެއޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެއެވެ.