ލ. އަތޮޅު ސަރަހައްދަކުން ކަނޑު އަޑިން ޑިންގީއެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، ލ. އަތޮޅު ސަރަހައްދަކުން ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން ސާޗް އޮޕަރޭޝަން އެއް ކުރިއަށް ގެންދާ ކަމަށެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ޑިންގީ ކޭސްގައި އެމްއެންޑީއެފުން ބައިވެރި ނުވާ ކަމަށެވެ.
ލ. އަތޮޅު ސަރަަހައްދުން ޑިންގީއެއް ފެނިގެން ރިޕޯޓް ކޮށްފައި ވާ އިރު މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީ ތ. ކަނޑޫދޫ ގޮނޑުދޮށަށް މިނި ކަށިތަކެއް ލައްގާފައިވާ މައްސަލަ އެއް ފާހަގަވެ އެރަށު ކައުންސިލުން ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.
ފާއިތުވި 8 އަހަރު ދުވަސްތެރޭގައި 150 އެއްހާ މީހުން ރާއްޖެއިން ގެއްލިފައި ވެއެވެ. މީގެ ތެރޭގައި ކަނޑުމަތީގެ އެކި ހާދިސާތަކުގައި ގެއްލި މިހާތަނަށް ހަބަރެއް ވެފައި ނުވާ މީހުން ހިމެނެއެވެ.
ގެއްލިފައިވާ މީހުންގެ ތެރެއިން އެމީހުންނަށް ވީ ގޮތެއް ހޯދާ ދިނުމަށް އެދި އެންމެ އަޑު ގަދަވެފައި ވަނީ އައްޑޫގައި މަހަށް ނުކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހައިލުމުން ގެއްލިފައިވާ ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދު އާއި ލ. އަތޮޅުން ޑިންގީއެއްގައި ދަތުރު ކުރި އައިމިނަތު ޝިމާ ނާފިޒުގެ ވާހަކައެވެ.
ނަމަވެސް މިއަދާ ހަމައަށް މި މީހުންނަށް ވީގޮތެއް އެނގިފައި ނުވާ އިރު، އެމީހުންގެ މަރުވެފައިވާ ހަށިގަނޑެއް ވެސް ފެނިފައެއް ނުވެއެވެ.