ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ފުލުހުން ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ގެ ބަލާ ފާސްކޮށް، ފުލުހުން ގެންދިޔަޢީ އިލެކްޓްރޯނިކް ސާމާނު ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހެކި ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށެވެ. އެގޮތުން، ފުލުހުން ގެންދިޔަ ތަކެތީގެ ތެރޭގައި އަލީ ވަހީދުގެ ލެޕްޓޮޕާއި ފޯނު ފަދަ ތަކެތި ހިމެނޭ ކަމަށް ބެލެވެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފުލުހުން ހޯދަމުންދަނީ މާގިރި ހޮޓަލުގެ ސީސީޓީވީ ފްޓޭޖެވެ. ނަމަވެސް މާގިރި ހޮޓަލުން ބުނެފައި ވަނީ އެ ހޮޓަލުގެ އެންމެ އިސް މަސްލަހަތަކީ ގެސްޓުންގެ ޕްރައިވަސީ ކަމަށާއި، އެ ހޮޓަލުގެ ސީސީ ޓީވީ ފްޓޭޖެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ތުހުމަތު ކުރަނީ އޭނާގެ ދަށުން މަސައްކަތް ކުރާ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޖުމްލަ 12 މުވައްޒަފަކަށް އެކި ޒާތުގެ ގޯނާ ލިބިފައި ވެއެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި އަލީ ވަހީދު މިނިސްޓަރު ކަމުން ވަކި ކޮށްފައި ވާއިރު، އޭނާއާ ދެކޮޅަށް އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ވަނީ، ޝަކުވާ ހުށަހަޅާފައެވެ. އެގޮތުން، އެ މުވައްޒަފުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، އަލީ ވަހީދު ކުރެއްވި ކަންކަން ކިޔައިދީފައި ވާ ކަމަށާއި، އަދި އެ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށްވެސް ވަނީ ހުށަހަޅާފައެވެ.

އަލީ ވަހީދަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިސްތިއުފާ ނުދެއްވައިގެން މަގާމުން ވަކި ކުރި ފުރަތަމަ ވަޒީރެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގެންނެވި ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވާންދެއް އުޅުއްވުމަށް ފަހު، ވެރިކަން ބަދަލުވުމާއެކު މާލެ ވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމުގެ ތާއީދާއެކު ޕާޓީގެ ރައީސްކަން ހޯއްދެވިއެވެ.

އަލީ ވަހީދާ ގުޅޭ ގޮތުން ތިލަވި ޖިންސީ ގޯނާގެ މައްސަލައިގައި އޭނާ ޖޭޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގާސިމް އިބްރާހިމް އެންގެވި ނަމަވެސް އިސްތިއުފާ ދެއްވާފައި ނުވާތީ، އޭނާ ވަކި ކުރަން މަސައްކަތް ކުރާ ކަމަށް އެ ޕާޓީގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އަލީ ވަހީދަކީ ގާސިމް އިބްރާހިމް އާއި، ގާސިމު އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ގާތް ބޭފުޅެކެވެ.