ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާ ކަމުގެ ސިގްނަލްތައް މިހާރު ފެންނަމުންދާތީ، އެކަމާ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ބަލި އިތުރުވާ ކަމުގެ ސިގްނަލްތައް މިހާރު ފެންނަމުންދާ ކަމަށެވެ. ނަމަވެސް ގައިދުރު ކުރުމާއި ސައިބޯނި ލައިގެން އަތްދޮވެ، މާސްކު އެޅުން އަދި ބަލިވެ އުޅޭ ނަމަ މީހުންގެ ތެރެއަށް ނުގޮސް ޓެސްޓު ކުރުން ފަދަ ކަންކަން މުޖުތަމައުގައި ކުރެވޭނަމަ ބަލި ފެންނަ މީހުންގެ އަދަދު ދަށްވެ، ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިން ހަދަން އުނދަގޫ ވާވަރަށް ގުޅުމެއް ނެތް މީހުން ޕޮޒިޓިވްވާނަމަ ބަލާނީ ރާއްޖޭގައި ބަލި ކޮންޓްރޯލް ނުކުރެވޭ ވަރުވީ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހަށްވުރެ އަނެއް ދުވަސް އިތުރުވާނަމަ ނުވަތަ ޑަބްލިން ޓައިމް ކުރުވާ ނަމަވެސް ބަލި ކޮންޓްރޯލް ނުވާ ކަމަށް ބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ލޮކްޑައުނަށް ލުއި ދިނުމުގައި ވަކި މިންގަނޑުތަކަކަށް ބަލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ފްލޫ ކްލިނިކުން ޕޮޒިޓިވްވާ އަދަދާއި ނިޔާވާ މީހުންގެ އަދަދާއި، ޑަބްލިން ޓައިމް އަދި ގުޅުމެއް ނެތް ކޭސްތަކުގެ އިތުރުން ހޮސްޕިޓަލްގައި ހުރި އެނދުތަކުގެ އަދަދު ހިމެނެއެވެ.

ޑރ. ލަތީފް ވިދާޅުވީ، 80 ޕަސަންޓް ހޮސްޕިޓަލް އެނދުތައް ފުރިއްޖެ ނަމަ ބަލި ކޮންޓްރޯލް ނުވީ ކަމަށް ބަލާ ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށެވެ. އަދި ފްލޫ ކްލިނިކްގެ ސާމްޕަލްތަކުގެ 20 ޕަސަންޓް ޕޮޒިޓިވްވާ ނަމަ ވެސް ކޮންޓްރޯލް ނުވީ ކަމަށް ބަލަނެ ކަމަށާއި، ނަމަވެސް މިހާރު ހުރީ 2 ޕަސަންޓުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ގުޅުމެއް ނެތް މީހުން ޕޮޒިޓިވްވާލެއް އިތުރު ވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޓެގްގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ގުޅުމެއް ނެތް ގިނަ މީހުން ޕޮޒިޓިވްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން 40 މީހުން ޕޮޒިޓިވްވާއިރު އޭގެ ތެރެއިން 16 މީހަކީ ގުޅުމެއް ނެތް މީހުން ކަމަށްވާނަމަ އޭގެ މާނައަކީ، އިތުރު 16 މީހުން ގައިގައި ބަލި ހުރެ، ދެނެނުގަނެވިފައިވާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާންމުކޮށް ޕޮޒިޓިވްވާ މީހެއްގެ ފަރާތުން އިތުރު ދެމީހަކަށް ނުވަތަ ތިން މީހަކަށް މި ބަލި ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އަލާމާތްތައް ނުފެންނަ ނުވަތަ ކުޑަ ކުޑަ އަލަމާތްތަކާއެކު ވެސް ކޮވިޑް ޖެހިފައި، އެމީހަކަށް ނޭގި ރަނގަޅު ވެދާނެ ކަމަށެވެ.

އެހެންކަމުން ގައިދުރު ކުރުމާއި ސައިބޯނި ލައިގެން އަތްދޮވެ، މާސްކު އެޅުން އަދި ބަލިވެ އުޅޭ ނަމަ މީހުންގެ ތެރެއަށް ނުގޮސް ޓެސްޓު ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ، ޓެސްޓު ކުރަން ސާމަޕަލް ނެގުމަށްފަހު އޮފީހަށްދާ މީހުން ވެސް އުޅޭ ކަމަށާއި އެއީ އެމީހާގެ ފަރާތުން އެހެން މީހުންނަށް ބަލި އެރުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ.