ބޮލީވްޑްގެ ތަރި އަމީތާބު ަބއްޗަން އަށް ކޮވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ. އަމީތާބު އޭނާގެ ޓްވިތާގައި ބުނެފައި ވަނީ ޕޮޒިޓިވް ވެގެން ހޮސްޕިޓަލަށް ގެންގޮސްފި ކަމަށާއި، އޭނާއާއި އާއިލާގެ މެންބަރުންގެ ޓެސްޓްވެސް ހަދާފައި ވާކަމަށެވެ. އަދި އާއިލާގެ މެންބަރުންގެ ޓެސްޓުގެ ނަތީޖާ ނުލިބޭ ކަމަށްވެސް ބުނެފައި ވެއެވެ.

އަމީތާބު ވަނީ، ފާއިތުވި 10 ދުވަސް ތެރޭގައި އޭނާއާ ކޮންޓެކްޓް ވި އެންމެން ޓެސްޓް ހެދުމަށް ގޮވާ ލާފައެވެ.

އޭނާ އެޑްމިޓް ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ނަނާވަތީ ހޮސްޕިޓަލުގައެވެ.

އެތައް މިލިއަން ބަޔަކު އޭނާއަށް އަވަސް ޝިފާއަކަށް އެދެމުން ދާ އިރު އެންޑީޓީވީން ބުނީ އަމީތާބު އެސިމްޕްޓޮމެޓިކް ކަމަށާއި، ހާލު ރަނގަޅު ކަމަށެވެ.

އަމީތާބަށް ކޮވިޑް ޖެހުނު އިރު އޭނާގެ އުމުރަކީ 77 އަހަރެވެ. އަމީތާބަކީ، އިންޑިއާގައި އެންމެ މަގުބޫލު އެއް ފަންނާނެވެ. އޭނާ އަންނަނީ އިންޑިއާއިން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. އެގޮތުން، ކޮވިޑަށް ހޭލުންތެރި ކުރުވުމަށް އާންމުކޮށް ދައްކާ އިޝްތިހާރުތަކާއި އެނޫންވެސް ގިނަ ކަންމުގައި އެހީތެރިކަން ފޯރުކޮށް ދެމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަމީތާބު ޕޮޒިޓިވް ވި އިރު ނިމުމުގެ މަގުމަތީގައި 3 ފިލްމެއްވެސް އެބަ އޮތެވެ.