ރ. ދުވާފަރުގައި ހޯމް ކަރަންޓީނުން ދޫކޮށްލި އާއިލާއެއް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އަރާ ފޭބުން މަނާކޮށްފިއެވެ.
މާލެއިން ދުވާފަރަށް ދިޔަ އާއިލާއެއް ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު އެމީހުން ރަށުތެރެއަށް ދޫކޮށްލިފަހުން ޕޮޒިޓިވްކަން އެނގުމުން އެރަށުގައި ބަލި ފެތުރިދާނެކަމަށް ބެލެވޭތީ އެރަށް ވަނީ މޮނިޓަރިންގެ ހާލަަތަށް ގެންގޮސްފައެވެ. އަދި އެ ރަށުން ޕޮޒިޓިވްވި ތިން މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ރ. ދުވާފަރުގައި ހޯމަ ކަރަންޓީންގައި ބެހެއްޓުމަށްފަހު އެޗްޕީއޭއިން ނެގެޓިވް ކަމަށް ބުނެ ދެ ދުވަސް ކުރިން ދޫކޮށްލި ތިން މީހަކު ޕޮޒިޓިވްކަން ހާމަވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީލާ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯމް ކަރަންޓީންގައި އެ ރަށުގައި ތިބި އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުން ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ ފިރިމީހާއާއި ފިރިހެން ދަރިފުޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު އެރަށަށް ހޯމް ކަރަންޓީން ވުމަށް 11 މީހަކު ދިޔަ ކަމަށާއި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން، އެމީހުންގެ ސާމްޕަލް ނަގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ވަނީ ފޮނުވާފައެވެ. އަދި އެމީހުންގެ ނަތީޖާ ނެގެޓިވް ވުމުން ދޫކޮށްލާފައި ވަނީ މީގެ ދެދުވަސް ކުރިންނެވެ. ނަމަވެސް ދޫކޮށްލި މީހުންގެ ތެރެއިން ހަތަރު މީހެއްގެ އިތުރު ސާމްޕަލް ނަގަން ބޭނުންވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އެގޮތުން އެ ހަތަރު މީހުންގެ ތެރެއިން ތިން މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 އަށް މިއަދު 47 މީހުން ޕޮޒިޓިވް ވެ 30 މީހުން ބަލިން ވަނީ ރަނގަޅު ވެފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 43 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2664 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2268 އަށް އަރާފައެވެ.