ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންނާއި ފްލޫ ކުލިނިކަށް ދައްކާ މީހުން ބޮޑުތަނުން ގިނަވެއްޖެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ، ލޮކްޑައުންގެ ލުޔާ އެކު މީހުން ނުކުމެ އުޅޭ އަދަދު މާ ގިނަ ކަމަށާއި، އަދި ކެފޭ ރެސްޓޯރަންޓް ތަކުގައިވެސް މާ ގިނަ މީހުން ތިބޭ ކަމަށެވެ. އަދި އެއީ ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށާއި، ފާއިތުވި 2 ދުވަހެއްގެ ހިސާބުތަކަށް ބަލާއިރު އަދަދުތައް ބޮޑުތަނުން އިތުރުވަމުން ދާ ކަމަށެވެ.

ސްޓެޓިސްޓިކްސްއަށް ބަލާއިރު މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކުރާ ކޭސްތައް އިތުރުވަމުންދާ އިރު ޖޫން މަހުގެ ފަހު ހަފްތާއަށް ބަލާއިރު 4 ޕަސެންޓް މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. އެހެންނަމަވެސް ޖުލައި މަހަށް ބަލާއިރު އެ އަދަދު ވަނީ 15 ޕަސެންޓަށް މައްޗަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިއްޔެ 64 މީހުން ޕޮޒިޓިވްވެފައިވާ އިރު އެގެތެރެއިން 44 މީހުންނަކީ ދިވެހިން ކަމަށާއި މިއަދު 47 މީހުން ޕޮޒިޓިވްވެފައި ވާ އިރު އޭގެތެރޭގައި 43 ދިވެހިން ތިބި ކަން ފާހަގަ ކުރައްވަމުން ޑރ. ލަތީފް ވިދާޅުވީ، ދިވެހިންގެ ތެރޭގައި ބަލި ފެންނަވަރު އަންނަނީ ގިނަވަމުން ކަމަށެވެ. މަގުމައްޗަށް ނުކުމެ އަޅާނުލައި އުޅޭ ކަމަށް ވާ ނަމަ ނޭނގި ނަމަވެސް ގޭތެރެއަށް މި ބަލި ގެނެވިދާނެ ކަމަކީ ވެދާނެ ކަމެއްކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.

ރާއްޛޭގައި ބިދޭސީންނަށް މި ބަލި ޖެހޭ އިރު ބިދޭސީންގެ ތެރޭގައި ގިނައީ ޅަ އުމުރުގެ މީހުން ކަމަށް ޑރ. ލަތީފް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި މި ބަލި ފެތުރެމުންދާ ނަމަ އެއީ ވަރަށް ހިތާމަ ކުރާ ކމެއް ކަމަށާއި ދިވެހިންގެ ތެރޭގައިވެސް ޅައުމުރުގައި ގިނަ ބަލިތަކަށް ފަރުވާ ކުރާ މީހުން ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ގޮތުން އުމުރުން 40 އަހަރުގައި ހަކުރު ބަލި ހިތުގެ ބަލި ފަދަ ބަލިބައްޔަށް ފަރުވާކުރާ މީހުން ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މިއަދު 47 މީހުން ޕޮޒިޓިވް ވެ 30 މީހުން ބަލިން ވަނީ ރަނގަޅު ވެފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 43 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2664 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2268 އަށް އަރާފައެވެ.