ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ، 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކުރުވައިގެން މާލޭ ގެސްޓްހައުސްއަކަށް އެކުއްޖާ ގެންގޮސް، އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ޝަރީއަތަށް ހުށަހަޅައިފިއެވެ.

ޕީޖީން ބުނީ އަނީސްގެ މައްޗަށް 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކުރުވައިގެން މާލޭ ގެސްޓްހައުސަކަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ މޯބައިލް ފޯން އެނަލައިޒް ކުރުމުން އޮރިޔާން މަނަްޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ މައްސަލާގައި އަނީސްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އަނީސް ހިލްމީ ހައްޔަރު ކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމަށް ފުލުހުން ބުނެއެވެ. ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައި ވަނީ ކުއްޖާ ގްރޫމް ކޮށްގެން (އެކަމަށް ތައްޔާރު ކުރުވައިގެން ކަމަށް) އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ އަނީސް ހިލްމީ، ގާނޫން ނަމްބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގާނޫން) ގެ ދަށުން، ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލަށް ކޮމިޝަނާ އޮފް ޕޮލިސް ހުށަހެޅުވުމުން، އޭނާގެ ބަންދުގެ މުއްދަތަށް ވަނީ މީގެ ކުރިން 7 ދުވަސް ޖަހާފައެވެ. ނަމަވެސް ފަހުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާ ގޮތަށް ނިންމާފައެވެ.