ރާޅު އަރާނެ ކަަމަށް ލަފާކޮށް ކ އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ގުގުރުން އެކަށީގެން ވާ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ. ޔެލޯ އެލާޓް ނެރެފައިވާ އަތޮޅުތަކަށް އެ އެލާޓް ނެރެފައި ވަނީ މެންދުރު 3:00 އިން މިރޭ 7:30 އަށް ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް އެ އިދާރާއިން ބުނާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ދެކުނަށާއި، މެދު ރާއްޖެތެރޭގެ ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ބުނެފައެވެ. ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މި ސަރަހައްދުގެ ރަށްތަކަށް މިކަމުގެ އަސަރު ބޮޑުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ރަށްތަކަށް ރާޅު އަރަނީ ރާއްޖޭއާއި ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖޭއާ ހަމައަށް ފޯރާނެ ކަމާސް ނިމުތު ކުރެވޭތީ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް ރާޅު އަރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، މިހާރުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ދަނީ ރާޅު އަރަމުންނެވެ.