ކޮވިޑް-19އިން ރައްކާތެރި ވުމަށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު މިހާރު ފަށާފައި ވާއިރު، ނަމާދަށް ސަފު ހެދުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދީނި އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒުގެ ހިޔާލު ތަފާތު ވެއްޖެއެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމަށް ވީ ނަމަވެސް އެކަށީގެންވާ ސަބަބަކަށްޓަކާ ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަވާނެ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލު ކުރަމުން ދަނީ ގައިދުރުކަމާ އެއްގޮތައް ކަމަަށްވެސް ރައީސް މައުމޫނާ ވިދާޅުވިއެވެ.

ޖަމާއަތުގައި ނަމާދުކުރުމާ ގުޅޭގޮތުން ރައީސް މައުމޫން އެފަދައިން ވިދާޅުވެފައި ވާއިރު ޑރ. އިޔާޒް ވިދާޅުވީ ކޮވިޑަކީ އަނގައިގެ ކުޅުން ނުވަތަ ނޭވާލާ އިރު ނިކުންނަ ވައިން އަނެކާގެ ގަޔަށް އަރާ ބައްޔެއް ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށާއި އެހެންކަމަށް ވަނީނަމަ، ނަމާދުކުރާ އެންމެން މާސްކް އަޅައިގެން ތިބީމައި އެކަންތަކުން ސަލާމަތްކަން ލިބޭ ކަމަށެެވެ. އަދި ނަމާދަށް ތިބޭ އިރު ގައިދުރުކަން ބަހައްޓަން ނުޖެހޭ ކަމަށާއި މިސްކިތުގެ ވާހަކަ އެންމެ ރަނގަޅަށް ދައްކަވަން އެނގޭނީ އެތަނުގެ އަހުލުވެރިންނަށް ކަމަށް ވިދާޅުވެ ރައީސް މައުމޫންގެ ޓްވީޓަށް ވަނީ ރައްދު ދެއްވާފައެވެ.

ޖަމާއަތުގައި ނަމާދު ކުރުމުގައި އަމަލު ކުރާނެ ގޮތާމެދު ހިޔާލު ތަފާތުވެފައި ވާއިރު، ރާއްޖޭގެ ބައެއް އިލްމުވެރިން ވަނީ މި ހާލަތުގައި ގައިދުރުކޮށް ތިބެ ނަމާދު ކުރުން ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި އިއުލާންކޮށްފައި ވާ ލޮކްޑައުނަށް ބޮޑު ލުޔެއް ދީފައި ވާއިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ.