އަނިޔާގެ މައްސަލަތަކަކީ އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކޭ، ހާއްސަ ސަމާލު ކަމެއް ދީގެން ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން ނުކުމެ މަސައްކަތް ކުރަން ޖެހުނީ ފުލުހުން ޒިންމާ އަދާ ނުކުރާތީ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގޮތައް ވާހަކަ ދެކެވެމުންދާތީ ކަންބޮޑުވާ ކަމަށެވެ.

އެފަދަ ކުށުގެ އަމަލުތަކާމެދު ރައްޔިތުން ހޭލުންތެރި ކުރުވައި، އެފަދަ ކުށްތަކުން، ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށާއި އެފަދަ ކުށްތަކާމެދު ހޭލުންތެރިކުން އިތުރުކުރުމުގެ ގޮތުން، މުޖުތަމައުގެ އެކިދާއިރާތަކާ ފަރުދުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގައި މައްސަލަތައް ރިޕޯޓް ކުރެވޭނޭ ފަސޭހަގޮތްތައް ތައާރަރްކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެފަދަ ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ތަހުގީގުމަރުހަލާއިން ފެށިގެން ލިބެމުންދާނޭ އިންތިޒާމް ހަމަޖެހި، މިކަންކަން އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށާއި އެ އެންމެހާ ކަންކަމަކީ އިދާއިރާތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްއިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ބޭރު ގައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެވެސް އެހީތެރިކަމާ އެކު ކުރެވެމުންދާ ކަންކަން ކަމަށް ފުލުހުން ފާހަގަ ކޮށްފައި ވެއެވެ.

ޒިންމާދާރު ގޮތަކީ ކޮންމެކަމެއްގައިވެސް އެކަމެއްގެ ފުރިހަމަ މައުލޫމާތު އެކަމަކާ ގުޅޭ ފަރާތްތަކުން ސާފުކުރެއްވުމަށް ފަހުގައި ނޫނީ އެކަމަކާ ގުޅޭގޮތުން ވާހަކަ ނުދެއްކުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވާއިރު، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަކުރުންފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަކަށް އޮތް، ދަނޑިވަޅެއްގައި އެފަދަ ކަންކަމުގައި، ވަކިން ހާއްސަކޮށް، ކަމުގެ ހަގީގަތް ނޯއޮޅޭނޭގޮތަށް ވާހަކަދެއްކެވުމަށް ފުލުހުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތްކުރުމުގައި މަތިކުރެވިފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި، އިސް ސަފުގައި މަސައްކަތްކުރަމުން ގެންދާނޭކަމުގެ ޔަގީންކަންދޭ ކަމަަށާއި އެކި ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ދެވެން އޮތްއެންމެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ފުލުހުން މިފަދައިން ބުނެފައި ވާއިރު، ވީއޯސީން ވަނީ އެ ޖަމްއިއްޔާގެ އިސްނެގުމުގެ މަތިން ފާއިތުވި ހަފްތާތެރޭގައި ޖިންސީ ގޯނާއާއި ރޭޕާ ދެކޮޅަށް ތިން މުޒާހަރާއެއް ބާއްވާފައެވެ. އެއީ މިދިޔަ ހޯމަ ދުވަހު ބޭއްވި މުޒާހަރާއަކާއި ބުދަ ދުވަހު ބޭއްވި މުޒާހަރާއަކާއި އިއްޔެ ބޭއްވި މުޒާހަރާއެކެވެ. އެ މުޒާހަރާތަކުގައި ވެސް ބައިވެރިން ވަނީ އެ ބައިވެރިންގެ ވާހަކަތައް އަސަރާއެކު ކިޔައިދީފައެވެ. މީގެ އިތުރުން ޖިންސީ ފުރައްސާރައާއި އަނިޔާ ދެކޮޅަށް އަޑު އުފުލުމަށް "ޖާގައެއް ނެތް" ނަމުގައި މާދަމާ ވެލާނާގެ ކުރިމަތީގައި އެއްވުމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.